ކުރިން މި މަހުގެ ފަހުކޮޅު ބާއްވަން އޮތް މި އަހަރުގެ ގްރެމީ އެވޯޑްސް ހަފުލާ ކޮވިޑް-19އާ ހެދި ފަސްކޮށްފައި ވަނިކޮށް، އެއަށް އާ ތާރީހެއް ހަމަޖައްސައި އެކަން އިއުލާންކޮށްފި އެވެ.
މިހާރު ހަމަޖައްސާފައި އޮތް ގޮތުން 64 ވަނަ ގްރެމީ އެވޯޑް ހަފުލާ ބާއްވާނީ އަންނަ އެޕްރީލް މަހު 3 ގައި އެމެރިކާގެ ލަސް ވެގަސްގެ އެމްޖީއެމް ގްރޭންޑް ގާޑަން އެރީގައި ކަމަށް، މި އެވޯޑް އިންތިޒާމުކުރާ ރެކޯޑިން އެކެޑެމީ އާއި ސީބީއެސް އިން ބުންޏެވެ.
ގްރެމީ އަކީ މިއުޒިކް ދާއިރާ އިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
އެ އެވޯޑް ހަފުލާ އަށް އާ ތާރީހެއް ހަމަޖައްސައި ރެކޯޑިން އެކެޑެމީގެ ސީއީއޯ ހާވީ މޭޒަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެވޯޑް ހަފުލާ ފަސްކުރަން ޖެހުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނު ކަމެއް ކަމަށާއި އެކަމަކު އެގޮތަށް ނިންމަން ޖެހުނީ ގްރެމީއާ ގުޅުން ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
"އެކަމާ ގުޅިގެން ހުރިހާ ފަރާތްތަކަކުން ލިބުނު އެއްބާރުލުމާއި ސަޕޯޓަށް ޝުކުރު ވެސް އަދާކުރަން،" އޭނާ ވިދާޅުވި އެވެ. "އަދި އެޕްރީލް މަހު ވަރަށް ވެސް ފުރިހަމަ ހަފުލާއެއް ގެނެސްދެވޭނެ ކަމުގެ އުންމީދު ބޮޑު."
ކުރިން މި އަހަރުގެ ގްރެމީ އެވޯޑް ހަފުލާ ބާއްވަން އޮތީ މި މަހު 31 ގަ އެވެ. ހަފުލާ ހޯސްޓްކުރާނީ "ދަ ޑެއިލީ ޝޯ" ގެ ހޯސްޓް ޓްރެވާ ނޯއާ އެވެ.