ވެލިންޓަން (ޖެނުއަރީ 23) - ކޮވިޑުގެ ކޭސްތައް އިތުރުވެ އާ ފިޔަވަޅުތަކެއް އަޅަން ޖެހުމާ ގުޅިގެން ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑަންގެ ކައިވެނި ކެންސަލް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އޮމިކްރޮން ވޭރިއަންޓް ފެނުމާ ގުޅިގެން ނިއު ޒީލެންޑުގައި ވަނީ އާ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އޭގެ ތެރޭގައި އެއްވެސް ތަނެއްގައި 100 އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. އެއީ ވެސް ވެކްސިން ޖަހާފައިވާ މީހުންނެވެ. އާ ފިޔަވަޅުތައް އަޅަން ފަށާފައި ވަނީ އޮމިކްރޮންގެ ނުވަ ކޭސް ފެނުމާ ގުޅިގެންނެވެ.
ނިއު ޒީލެންޑުން ވަނީ 15،104 މީހުންނަށް ކޮވިޑް ޖެހި 52 މީހުން މަރުވެފަ އެވެ.
އާޑަން ކައިވެނި ކުރައްވަނީ ޓީވީ ހުށަހެޅުންތެރިއެއް ކަމަށްވާ ކްލާކް ގޭފޯޑަށެވެ.
އޮކްލޭންޑުގައި ބޭއްވި ކައިވެނި ހަފުލާއެއްގައި ބައިވެރިވި އާއިލާއެއްގެ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ފްލައިޓެޑް އެޓެންޑެންޓަކަށް ވެސް ވަނީ ބަލިޖެހިފަ އެވެ. އޮފިޝަލުން ލަފާކުރަނީ މި ގްރޫޕުގެ ސަބަބުން ކޮވިޑް ފެތުރި ކޮމިއުނިޓީ ޓްރާންސްމިޝަނެއްގެ ބިރު އޮތް ކަމަށެވެ.
ކޮވިޑް ފެތުރެން ފެށި ފަހުން ނިއު ޒީލެންޑުން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
ނިއު ޒީލެންޑުގެ އާބާދީގެ 12 އަހަރުން މަތީގެ މީހުންގެ ތެރޭން 94 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި 56 ޕަސެންޓް މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފަ އެވެ.