ވެލާ ޕްރައިވެޓް އައިލެންޑާއި ވަލްޑޯފް އެސްޓޯރިއާ އިތާފުށިން މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ދީފި އެވެ.
ސާވިސްޗާޖުގެ މައުލޫމާތު ހާމަކުރާ ޕޭޖުތަކުގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވެލާއިންނެވެ. އެއީ ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރ.) އެވެ. މި ރިސޯޓަކީ ކޮންމެ މަހަކުހެން ސާވިސްޗާޖުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެއް ރިސޯޓެވެ.
މި ލިސްޓުގައި ދެވަނައިގައި އޮތް އިތާފުށިން ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރު (51،194ރ.) ދީފައި ވާއިރު ސޮނެވާގެ ރިސޯޓުތަކުން ވަނީ ކޮންމެ މުވައްޒަފަކަށް 3،253.64 ޑޮލަރު (50،171ރ.) ދީފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު، އާ އަހަރާ ދިމާކޮށް ރާއްޖެއަށް ޓޫރިސްޓުން އިތުރުވާތީ ގިނަ ރިސޯޓުތަކުން ސާވިސްޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ބަހަ އެވެ.
ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރަނީ ރިސޯޓުތަކުގެ މުވައްފުން ދޭ މައުލޫމާތުގެ މައްޗަށެވެ. ބައެއް ރިސޯޓުތަކުން މި މަހު ސާވިސްޗާޖު ބެހި އަދަދުތަކެއް ހާމައެއް ނުކުރެ އެވެ.
މި މަހުގެ މިހާތަނަށް ސާވިސްޗާޖުގެ މައުލޫމާތު އާއްމުކޮށްފައިވާ ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑު ސާވިސްޗާޖެއް ބަހައިފަ އެވެ.