ސްޕޯޓްސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކުޅިވަރު އެވޯޑް ހަފުލާ އަށް ސަރުކާރުން 30 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ބުނެ، އާންމުން ދައްކާ ވާހަކަތަކަށް މިނިސްޓަރު އަހުމަދު މަހުލޫފު ނުސީދާކޮށް ރައްދުކޮށްދެއްވައިފި އެވެ.

ސަރުކާރުގެ ބަޖެޓުން 30 މިލިއަން ހަރަދުކޮށްގެން ސްޕޯޓްސް އެވޯޑް ބާއްވާފައިވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވުމުން، މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 30 މިލިއަން ހަރަދު ނުކުރާ ކަމަށާއި އެ ވަރުގެ ހަރަދެއް ކުރި ނަމަ އެ ފެންވަރުގެ ހަ އިވެންޓް ބޭއްވޭނެ ކަމަށެވެ. އޭގެ މާނައަކީ ސަރުކާރުން ބޭއްވި ފުރަތަމަ ސްޕޯޓްސް އެވޯޑް ހަފުލާ އަށް ޚަރަދުކުރީ ފަސް މިލިއަން ރުފިޔާ ކަމެވެ.

އަދި އެއީ މިހާތަނަށް ރާއްޖޭގައި އެންމެ ހަރަދު ކުޑަކޮށް ބޭއްވި އެންމެ ބޮޑު އިވެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތިރީސް މިލިއަން ރުފިޔާ އަށް މީގެ ހަ އިވެންޓް އަޅުގަނޑުމެން ބާއްވާނަން،" ރާއްޖެ އިން ބޭރުގެ މަޝްހޫރު ބައެއް ކުޅިވަރު ތަރިން ބައިވެރި ކޮށްގެން ބޭއްވި ކުޅިވަރުގެ އެވޯޑް ހަފުލާއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި މަހްލޫފް ލިޔުއްވާފައިވެ އެވެ.

ސްޕޯޓްސް އެވޯޑް ހަފުލާގައި މަހްލޫފް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އެވޯޑް ހަފްލާއަކީ ރާއްޖެ އެންމެ ބޮޑަށް އިސްތިހާރު ވެސް ވި އިވެންޓް ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސްޕޯޓްސް އެވޯޑް ހަފުލާގައި މަހްލޫފް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އެވޯޑް ހަފްލާއަކީ ރާއްޖެ އެންމެ ބޮޑަށް އިސްތިހާރު ވެސް ވި އިވެންޓް ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވިގޮތުގައި، އެހެން ގައުމުތަކަށް ރާއްޖެ އިޝްތިހާރު ވުމުގެ ވެސް އެންމެ ބޮޑު ހަރަކާތަށް ކުޅިވަރު އެވޯޑް ހަފުލާ ވާނެ އެވެ.

އެވޯޑް ހަފުލާ އަށް ބޭރުގެ ކުޅިވަރު ލެޖެންޑުން ވަނީ ރާއްޖެ ގެނެސްފަ އެވެ. ސައުދީ އަރަބިއާ އާއި ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ ކުޅިވަރުގެ އިސްވެރިން ވެސް ވަނީ އެވޯޑް ހަފުލާ އަށް ރާއްޖެ ވަޑައިގެންފަ އެވެ. ބޭރުގެ ސްޕޯޓްސް ލެޖެންޑުން ގެނައުމަށް ހަރަދު ކުރި އަދަދު ވެސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

އެވޯޑް ހަފުލާ ބޭއްވުމުގެ ކުރިން ވެސް ހަރަދުތަކުގެ ތަފްސީލު ހޯދުމަށް "މިހާރު" އިން އެދުމުން މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެ، މިނިސްޓްރީގެ އޮފިޝަލް ފަހުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

އެވޯޑް ހަފުލާގެ ސްޓޭޖް ހެދުމަށާއި ކޭޓަރިން އަށް ތިން މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ވަނީ އެނގިފަ އެވެ. އެކަމަކު އެވޯޑް ހޯދި އެތުލީޓުންނަށް ފައިސާގެ އިނާމު ދީފައެއް ނުވެ އެވެ.

އެވޯޑް ހަފުލާ އަށް ކުޅިވަރުގެ އިސް ހިދުމަތްތެރިންނަށް ދައުވަތު ދީފައި ނުވާ މައްސަލަ ވެސް ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު މަރުޒޫގް އަށް ވެސް ދައުވަތު ލިބިފައި ނުވާކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި ވިދާޅުވެފަ އެވެ.

އޭނާގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ކުޅިވަރަށް އަމިއްލަ ގޮތުން ހިދުމަތް ކުރި ލެޖެންޑްރީ ނަންތަކެއް ވެސް ވަނީ އެވޯޑް ހަފުލާއިން ބާކީވެފަ އެވެ. ގައުމީ ޓީމުތަކުގެ ކެޕްޓަންކަން ކުރި ފަރާތްތަކަށް ވެސް އެވޯޑް ހަފުލާ އަށް ދައުވަތު ދީފައި ނުވެ އެވެ.