މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.
މިއީ މަސް ކިރުމުގައި ދެ ހަފުތާ ތެރޭ މިފްކޯއިން ލިމިޓް ކަނޑައެޅި ދެވަނަ ފަހަރެވެ. ކުރިން އެ ކުންފުނިން ލިމިޓެއްް ގޮތުގައި ކަނޑައެޅީ ދޯންޏަކަށް ފަސް ޓަނެވެ. އެކަމާ މަސްވެރިން ވަނީ ނުރުހުން ފާޅުކޮށް ކޫއްޑޫގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
މަސްވެރިންގެ މުޒާހަރާއާ ގުޅިގެން މިފްކޯއިން ލިމިޓު އުވާލައި އެ ދުވަހެއްގެ ލިމިޓު ހަމަވަންދެން ދޯނިތަކުން ހުރިހާ މަހެއް ކިރަން ނިންމައި މިއަދުގެ ނިޔަލަށް ކިޔޫގައި ތިބި ދޯނިތަކެއްގެ ހުރިހާ މަހެއް ވަނީ ކިރައިފަ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް އަދިވެސް މަސް ކިރުވާ ކަމަށެވެ. އެހެންވެ، މަސް ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ އާއި އެހެން ދަތިތައް ހައްލު ކުރުމަށް މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމީ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިފްކޯއިން ބުނި ގޮތުގައި މަސް ބާނާ އަދަދު މި ދުވަސްވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެހެންވެ ދޯންޏަކުން ހަތް ޓަނު ކިރައިގެން ކެޕޭސިޓީއާ އެއްވަރަށް މެނޭޖް ކުރެވޭނެ ކަމަށް ބުންޏެވެ.
މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް އެ ކުންފުނީގެ ޖަޒީރާ-102 ކޫއްޑު އަށް ވަނީ ފޮނުވައިފަ އެވެ. އެއީ 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ބޯޓެކެވެ.