ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި ހައްޔަރުކުރި މުހައްމަދު ރުސްތުމް މުޖުތަބާ އެކަމަށް ޝަރީއަތުގައި މިއަދު އެއްބަސްވެއްޖެ އެވެ.

ތިނަދޫ މީހެއް ކަމަށްވާ ރުސްތުމްގެ މައްޗަށް ކޮށްފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެއީ ރުސްތުމްގެ ފޭސްބުކާއި ޓްވިޓާގައި މާތްﷲ އާއި އިސްލާމް ދީނާއި ރަސޫލާއަށް ހަޑި ހުތުރު ބަސްތައް ރައްދުކޮށްފައިވާތީ އާއި ރުސްތުމްގެ ކޮޓަރިން ފެނުނު އޭނާގެ ހާޑް ޑިސްކެއްގައި، އޮރިޔާން މަންޒަރު ފެންނަ ފޮޓޯ ހުރި މައްސަލައިގަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ފައްޓަވަމުން ގާޒީ މުހައްމަދު މިސްބާހް ވަނީ ރުސްތުމް އަށް ވަކީލަކު ހަމަޖައްސަން މީގެ ކުރިން ފުރުސަތު ދީފައި ވިޔަސް އަދިވެސް ވަކީލަކު ހަމަޖައްސާފައި ނުވާތީ ޝަރީއަތުގެ އަޑެއެހުންތައް ކުރިއަށް ގެންދަން ނިންމަވައިފަ އެވެ. އެކަމަކު ހުކުމް ކުރުމާ ހަމައަށް ވެސް، ވަކީލެއް އައްޔަންކުރުމުގެ ފުރުސަތު އޮންނާނެކަން އެންގެވި އެވެ.

ރުސްތުމް ބުނީ މައްސަލައިގެ ގޮތުން އޭނާގެ ދިފާއުގައި މަސައްކަތްކޮށްދޭން ވަކީލުން ޖެހިލުންވާތީ ވަކީލަކު ނުލިބެނީ ކަމަށެވެ. އެންމެ ފަހުން މި މައްސަލާގައި ތާވަލްކުރި ދެ އަޑުއެހުމަށް ވެސް ޗިޓް ލިބި ރުސްތުމް ހާޒިރުވެފައި ނުވާތީ ގާޒީ ސުވާލުކުރެއްވުމުން ރުސްތުމް ބުނީ އެއީ ވަކީލަކު ނުލިބޭތީ "އެހެން ގޮތެއް ނެތިގެން" ޝަރީއަތް ލަސްކުރުވަން ބޭނުންކުރި "ޓެކްޓިކެއް" ކަމަށެވެ. ރުސްތުމް އެހެން ބުނުމުން ގާޒީ މިސްބާހް ވަނީ ވަކީލުން ހަމަޖެއްސުމަށް ވަގުތު ހޯދުމަށާއި އެހެން ސަބަބުތަކާ ހުރެ ހާޒިރު ނުވެވޭ ނަމަ ކޯޓަށް އީމެއިލްކޮށްގެންނާއި އެހެން ގޮތްގޮތުން އެކަން އެންގޭނެ ކަމަށާއި ވާނުވާ ނޭނގި ޝަރީއަތަށް ހާޒިރުނުވާ ނަމަ ޝަރިީއަތް ނިމެންދެން ބަންދުކުރުމުގެ އިހްތިޔާރު ގާޒީއަށް އޮންނާނެ ކަމަށެވެ. އަދި ދެން އެހެން އަމަލުކޮށްފި ނަމަ އެ އިހްތިޔާރުގެ ބޭނުން ހިފަންޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

ރުސްތުމް ބުނީ ޖަލުުގެ 80 ޕަސެންޓަކީ އޭނާއާ ދެކޮޅު މީހުން ކަަމަށާއި އޭގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން ގިނަ ކަމަށް

ރުސްތުމްގެ މައްޗަށް ކޮށްފައިވަނީ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ދައުވާއަކަށް ނުވާތީ އާއި ވަކީލު އައްޔަންކުރަން ފުުރުސަތު ދިނުމުން ވެސް އެކަން ހަމަޖެއްސިފައި ނުވާތީ އަޑުއެހުންތައް ފައްޓަވައި، ގާޒީގެ އެންގެވުމަށް ދައުލަތުން ދައުވާތައް މިއަދު އިއްވި އެވެ. ދައުވާތަކަށް ޖަވާބުދާރީވާން އެންގެވުމުން ރުސްތުމް ބުނީ އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވެސް އޭނާއަށް ކުރާ ތުހުމަތުތަކަށް އިއުތިރާފް ވެފައިވާނެ ކަމަށެވެ. ދައުވާތަކަށް އިއުތިރާފް ވަނީ އެއްވެސް މަޖުބޫރުކަމެއް އޮވެގެންތޯ ގާޒީ މިސްބާހް އެއްސެވުމުން ރުސްތުމް ބުނީ އެއީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

ދައުލަތުން ދައުވާ އިއްވައި އަދަބުތައް ކިޔައިދިން އިރު، ދައުވާތަކަށް އިއުތިރާފްވެއްޖެ ނަމަ އަންނާނީ ފަސް މަހުގެ ޖަލު ހުކުމެއް ކަމަށް ބުނުމުން ރުސްތުމް ވަނީ އޭނާ ބަންދުގައި ހަ މަސް ދުވަހު ހުރި ކަމަށާއި އެހެންވެ ދެން ބަންދުކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ބަންދުގައި ކިތަންމެ ދުވަހަކު ހުއްޓަސް ޝަރީއަތް ކުރިއަށްގެންދަން ޖެހޭނެ ކަމަށާއި ބަންދުގައި ހުރި މުއްދަތެއް އުނިކުރާނީ ހުކުމުގައި ކަމަށެވެ.

ބަންދުގައި ހަ މަސް ދުވަސް ހޭދަކުރި ކަމަށް ރުސްތުމް ބުނާތީ އެކަމާ ބެހޭ ގޮތުން ގާޒީ ދައުލަތާ ސުވާލުކުރެއްވުމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެތަނުގެ ރެކޯޑްތަކުން ދައްކަނީ ބަންދުގައި ހޭދަކުރީ 29 ދުވަހާއި 22 ގަޑިއިރާއި 19 މިނެޓް ކަމަށެވެ. އެހެންވެ ގާޒީ ވަނީ އެކަން އިތުރަށް ސާފުކުރަން ދައުލަތަށް އަންގަވައިފަ އެވެ.

ރުސްތުމް ދެ ފަހަރެއްގެމަތިން ހައްޔަރުކުރި އެވެ. އެންމެ ފުރަތަމަ ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ދޫކޮށްލާފައި ހުއްޓާ އަނެއްކާވެސް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރުކުރީ 2020 ވަނަ އަހަރު އެވެ.

ޖަލުގައި ބަންދުކުރުމުގެ ވާހަކަ ދެއްކުމުން ރުސްތުމް ބުނީ ޖަލުުގެ 80 ޕަސެންޓަކީ އޭނާއާ ދެކޮޅު މީހުން ކަަމަށާއި އޭގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން ގިނަ ކަމަށެވެ. އަދި ކޮންމެ މީހަކު ޖަލަށް ލުމުން "ސުންނަތަށް އުޅެން ފަށާ" ކަމަށް ވެސް ބުންޏެވެ. މިއަދު ކޯޓަށް ގެނައިއިރު ވެސް ފުލުހަކު ބިޑިން ބޮލުގައި ނުޖެހީ ކިރިޔާ ކަމަށް ބުންޏެވެ.

މިއަދު ޝަރީއަތް ނިންމާލީ މި މަހުގެ 23 ގައި އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާނުކުރައްވަމުންނެވެ.