ރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގް (ޝޭޑީ ކެބިން ތައުފީގް) މިއަދު ނިޔާވެއްޖެ އެވެ.
ތަކެތި ކުއްޔަށް ދިނުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ ޝޭޑީ ކެބިންގެ ވެރިޔާ ތައުފީގް، 66، ގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އޭނާ އަވަހާރަވީ ހޮޑުލައި ބޭރަށް ހިންގާތީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށް ކަމަށެވެ.
މާލޭގައި އަމިއްލަ ހަރަދުގައި މިސްކިތެއް ބިނާކުރައްވައި އަދި ގިނަ ބަޔަކަށް އެހީތެރިކަން ދެއްވަމުން ގެންދަވާ ޝޭޑީ ކެބިން ތައުފީގް 2015 ގެ ފަހުން އުޅުއްވަނީ އާލާސްކަންފުޅެއްގަ އެވެ.
އަވަހާރަވިއިރު، އަނބިކަނބަލުންނާއި ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.
ޝޭޑީ ކެބިން ތައުފީގް މަޝްހޫރު ވެފައި ވަނީ އަމިއްލަ ބޭފުޅުންގެ އިތުރުން އެ އާއިލާގެ އެހެން ބޭފުޅުން ވެސް ޕައިލެޓް ކަމުގެ ދާއިރާ އަށް ނެރުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. މިހާރު ވެސް ޝޭޑީ ކެބިންގެ އާއިލާ އަށް ނިސްބަތްވާ 15 ވަރަކަށް ޕައިލެޓުން އުޅެ އެވެ.
ތައުފީގް އިސްވެ، ޝޭޑީ ކެބިން އާއިލާގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފުރަގަހުގައި އިމާރާތްކުރި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީނަކީ މާލޭގައި އެންމެ ރީތި މިސްކިތްތަކުގެ ތެރެއިން އެއް ތަނެވެ.