އެމެރިކާގެ ޕްލޮރިޑާގެ ގެއެއްގެ ސުވިމިން ޕޫލަކަށް ބޮޑު ކިނބުލެއް އެރި އޮއްވާ ފެނިއްޖެ އެވެ.

އެ ކިނބޫ އެރި އޮއްވާ ފެނުނީ ފްލޮރިޑާގެ ހިސާބެއް ކަމަށްވާ ޑީޕް ކްރީކްގެ ގެއެއްގެ ސުވިމިން ޕޫލަށެވެ. މިދިޔަ ހޯމަ ދުވަހު އެ ގޭގެ މީހުން ނިދާފައި ތިއްބާ ހެނދުނު ހޭލުވުނީ، ގޭގެ ގޯތިތެރެއިން ބާރު އަޑުފައްގަނޑެއް އިވިގެންނެވެ.

އެ މީހުން ގޮސް ބެލިއިރުގައި ފެނުނީ ސުވިމިން ޕޫލް ތެރޭގައި އެ ކިނބޫ އޮއްވަ އެވެ.

އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރުމުން، ރައްކާތެރިކަމާ އެކު އެ ކިނބޫ އެތަނުން ނަގައިގެން ގެންދިޔަ އެވެ. އޭގެ ބަރުދަނުގައި 550 ޕައުންޑް ހުރި ކަމަށާއި އަދި ދިގުމިނުގައި 11 ފޫޓް ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އެއީ އާންމުކޮށް ރަށު ތެރެއިން އަތުލައިގަންނަ ކިނބޫތަކަށް ވުރެ ބޮޑު ކިނބުލެއް ކަމަށް ބުންޏެވެ.

މިއީ ކޮންމެ އަހަރަކު ވެސް އާންމުކޮށް އެ ހިސާބުގެ ކޯރުތަކުގައި ދިރިއުޅޭ ކިނބޫތައް ރަށު ތެރެއަށް އަރާ އުޅޭ ދުވަސްވަރެވެ. އަދި އެ އެއްޗެހި އަރަނީ އެ މީހުން "މޭޓްކުރަން" ބައިވެރިން ހޯދުމަށް ކަމަށްވެ އެވެ. އެހެން އުޅުމުގެ ތެރޭގައި މީހުން ދިރިއުޅޭ ގޭގެ އަށް ވަދެ، ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައިވެ އެވެ.

އެ ހިސާބުގެ އެހެން ގެއަަކަށް ވެސް މި ހަފުތާގައި ބޮޑު ކިނބުލެއް ވަނެެވެ.