ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ އަމީންގިރި ރިސޯޓު، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އަމީންގިރި ރިސޯޓުގެ ހިންގުން ވަނީ ޓޫރިޒަމްގެ ދާއިރާގައި ދުނިޔެ އަށް މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި، ހިލްޓަންއާ ހަވާލުކޮށްފަ އެވެ.
ހިލްޓަންގެ ބައެއް ބްރޭންޑްތަކުގެ ރިސޯޓާއި ހޮޓެލް ރާއްޖޭގައި ހުރި ނަމަވެސް "ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓު" ނަން ދީފައިވާ މި ރިސޯޓަކީ އެ ކުންފުނީގެ އަމިއްލަ ނަމުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.
އަމީންގިރި ހޯލްޑިންގްސް އަދި ހިލްޓަން ގުޅިގެން ހަދާ މި ރިސޯޓަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިން ސްޕީޑް ލޯންޗުގައި 15 މިނަޓުން ދެވޭނެ އެވެ.
އެ ރިސޯޓުގައި ޖުމްލަ 109 ވިލާ ހުންނައިރު، އޭގެތެރެއިން ގިނައީ ވޯޓާ ވިލާތަކެވެ. އަދި ބޮޑެތި އާއިލާތަކަށާއި ގްރޫޕްތަކަށް ހާއްސަކޮށް ހަދާފައިވާ ހަ ކޮޓަރީގެ ވިލާ ވެސް ހުރެ އެވެ.
ހުރިހާ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލްއެއް ހުންނަ އެ ރިސޯޓުން، ޓޫރިސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފަސޭހަކަމާ އެކު ލިބޭނެ ކަމަށް ހިލްޓަން އިން ބުނެ އެވެ.
އަމީންގިރި ރިސޯޓުގައި އެންމެ އަގުހެޔޮކޮށް ލިބެން ހުންނަނީ ރެއަކަށް 793 ޑޮލަރު ނަގާ އެއް ކޮޓަރީގެ ވޯޓާ ވިލާތަކެވެ. ރިސޯޓު ހުޅުވުމަށް ފަހު މިހާރު ހިލްޓަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ އަގުތަކަށް ބަދަލު އަތުވެދާނެކަމަށް އެ ރިސޯޓުން ބުނެ އެވެ.
އަލަށް ހުޅުވާ އެ ރިސޯޓުގެ ބުކިން ހެއްދުމަށް މިހާރުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ރިސޯޓުގެ ހިތްފަސޭހަކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް ހިލްޓަންގެ ވެބްސައިޓް މެދުވެރިކޮށް ރިޒަވޭޝަން ހެއްދޭނެ އެވެ.