ޖޭ ޑަބްލިއު މެރިއޮޓާއި ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ ހާޑްރޮކް ފަދަ ނަންތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑެތި ހޮޓެލް ބްރޭންޑްތަކެވެ. ޓޫރިޒަމްގެ މަޝްހޫރު މަންޒިލެއް ނަމަ އެފަދަ ބްރޭންޑް ނަންތައް ހިމެނެން ޖެހެ އެވެ. މިހާރު ވެސް ދުނިޔޭގެ މަޝްހޫރު ބޮޑެތި ބްރޭންޑްތަކުގެ އެތައް ރިސޯޓެއް ރާއްޖޭގައި އެބަ ހިންގަ އެވެ. ނަމަވެސް މިފަހަރު އަންނަ ބްރޭންޑްތަކާ އެކު ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންދާނެ ކަމަށް ބެލެވެ އެވެ.
ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ށ. ވަނގަރު
މިއީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. ކުރިން ވައިސްރޯއީ މޯލްޑިވްސްގެ ނަމުގައި ހިންގި ށ. ވަނގަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު މި އަހަރުގެ ހައި ސީޒަނާ ދިމާކޮށް، އަންނަ ނޮވެމްބަރު މަހު އެ ރިސޯޓު ހުޅުވަން ވަނީ ނިންމައިފަ އެވެ.
ޖޭ ޑަބްލިއު މެރިއޮޓްގެ ނަމުގައި އެ ރަށް އަލުން ހުޅުވާއިރު އެތަނުގައި އެންމެ ފެންވަރު މަތީ ކެއުންތައް ލިބޭ ރެސްޓޯރަންޓްތަކާ އެކު މަތީ ފެންވަރުގެ ޖުމްލަ 61 ވިލާ ހުންނާނެ އެވެ. މިއީ ށ. އަތޮޅުގައި ހުޅުވާ ދެވަނަ ރިސޯޓެވެ.
އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ ރިސޯޓެއް މީގެ ކުރިން ރާއްޖޭގައި ހިންގާފައެއްނުވެ އެވެ. އެ ކުންފުނި މިދިޔަ އަހަރު އެމެރިކާގެ ސްޓާވުޑް ހޮޓެލްސްއާ އެއްކޮށްލިއިރު ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ ކ، ފުރަނަފުށީގައި ހިންގާ ޝެރެޓަން މޯލްޑިވްސް ފުލްމޫން އާއި އއ. ފެސްދޫގައި ހިންގާ ޑަބްލިއު މޯލްޑިވްސް ފެސްދޫ އަދި ދ. ވޮށްމުލީގައި ހިންގާ ސެންޓްރެޖިސް އެވެ.
މާލެއާ 192 ކިލޯމީޓަރު ދުރުގައި އޮންނަ ވަނގަރު މަރާމާތަށް ބަންދުކޮށްފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
ހިތްގައިމު ޖޯއަލި މޯލްޑިވްސް
ރ. މުރަވަންދޫގައި އަލަށް ތަރައްގީކުރާ "ޖޯއަލި މޯލްޑިވްސް"އަކީ ހިތްގައިމު ޑިޒައިންތަކެއް އެކުލެވޭ 73 ވިލާ ހިމެނޭ ރިސޯޓެކެވެ. މީގެ އިތުރުން މަތީ ފެންވަރުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓްތަކެއް ވެސް މި ރިސޯޓުގައި ހުންނާނެ އެވެ.
ރާއްޖޭގެ ގުދަރަތީ ރީތިކަމާއި ޒަމާނީ ކުލަތައް އެކުލެވޭ މި ރިސޯޓު ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ ސެޕްޓެމްބަރު 15ގަ އެވެ.
ދަ ނައުޓިލަސް މޯލްޑިވްސް
މަޝްހޫރު ވިޔަފާރިވެރިޔާ ޑރ. އިބްރާހިމް އުމަރު މަނިކު ބ. ތިލަދޫގައި އަލަށް ތަރައްގީކުރައްވާ ނައުޓިލަސް މޯލްޑިވްސްއަކީ މުޅިން ތަފާތު ކޮންސެޕްޓެއްގެ ރިސޯޓެކެވެ. އެންމެ މަތީ ފެންވަރުގެ 26 ކޮޓަރި ހިމެނޭ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް މަރުހަބާ ކިޔާނީ އެއާޕޯޓުގެ ވީއައިޕީންނެވެ. މި ރިސޯޓު ޑިޒައިންކޮށްފައި ވަނީ އާ ޖީލުގެ މަތީ ފެންވަރުގެ ޓޫރިސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ލިބޭ ގޮތަށެވެ.
މި ރިސޯޓުގެ ކޮންމެ ވިލާއެއްގައި ވަކި ލިވިން ރޫމަކާއި ބެޑްރޫމެއް ހުރެ އެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ވެސް އޮވެ އެވެ. އޭގެ އިތުރުން މަތީ ފެންވަރު ކެއުންތައް ލިބޭ ރެސްޓޯރަންޓާއި ސްޕާގެ ހިދުމަތް ވެސް ލިބެންހުންނާނެ އެވެ.
ނައުޓިލަސް ހުޅުވަން ހަމަޖައްސާފައި ވަނީ މިފަހަރުގެ ޓޫރިޒަމްގެ ސީޒަނާ ދިމާކޮށް އަންނަ ޖެނުއަރީ 15ގަ އެވެ.
އިޓަލީގެ ރަހަތަކާ އެކު ބެގްލިއޯނި މޯލްޑިވްސް
މިއީ ދ. އަތޮޅުގައި އަލަށް ހަދާ ރިސޯޓުތަކުގެ ތެރެއިން އިޓަލީގެ ރަހަތަކާއި ޑިޒައިންތައް އެކުލެވޭ ގޮތަށް ހަދާ އެންމެ ހިތްގައިމު ރިސޯޓަށް ވާނެ އެވެ. އަދި މި ރިސޯޓު ވެގެންދާނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ކެއުންތަކަށް ލޯބިކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ރިސޯޓަށެވެ.
ދ. މާގައުގައި ހަދާ މި ރިސޯޓުގައި މަތީ ފެންވަރުގެ 96 ވިލާ ހުރެ އެވެ. މަތީ ފެންވަރުގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހަދާ ހިތްގައިމު ރިސޯޓު މިފަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް އަންނަ ނޮވެމްބަރު މަހު ހުޅުވަން ވަނީ ހަމަޖައްސައިފަ އެވެ.
އަލަށް ހަދާ އެމެރަލްޑް މޯލްޑިވްސް
ރ. ފަސްމެންދޫގައި ތަރައްގީކުރާ އެންމެ މަތީ ފެންވަރުގެ މި ރިސޯޓަކީ އިޓަލީގެ ހޮޓެލް ޗެއިނެއް ކަމަށްވާ އެމެރަލްޑް ކަލެކްޝަނުން ރާއްޖޭގައި ހިންގާ ފުރަތަމަ ރިސޯޓެވެ. ގާތްގަނޑަކަށް 20 ހެކްޓަރުގެ ރަށުގެ ވަށައިގެން 100 ހެކްޓަރުގެ ބޮޑު ފަޅުގައި 60 ވިލާ ހުންނައިރު ގޮނޑުދޮށުގައި ވެސް 60 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި އެއް ރޯޔަލް ވިލާ އާއި ދެ ޕްރެޒިޑެންޝަލް ސުއިޓެއް ވެސް ހުރެ އެވެ. މީގެ އިތުރުން ދުނިޔޭގެ ތަފާތު އެކި ވައްތަރުގެ ކެއުންތައް ލިބޭ ހަތަރު ރެސްޓޯރަންޓް ހުރެ އެވެ.
މި ރިސޯޓު އަންނަ އޮކްޓޯބަރު ހުޅުވަން އަންނަނީ މަސައްކަތްކުރަމުންނެވެ.
އަލަށް އަންނަ ހާޑްރޮކް ހޮޓެލް
ކ. އެނބޫދޫފަޅު ހިއްކައިގެން ތަރައްގީކުރާ ކްރޮސްރޯޑް މޯލްޑިވްސްގައި ހާޑް ރޮކް ހޮޓެލް އާއި ހާޑް ރޮކް ކެފޭ މި އަހަރުގެ އޮކްޓޯބަރު 1 ގައި ހުޅުވަން ވަނީ ހަމަޖައްސައިފަ އެވެ. މިއީ ރާއްޖޭގައި ހާޑް ރޮކް ހޮޓަލެއް ހުޅުވާ ފުރަތަމަ ފަހަރެވެ.
ހާޑް ރޮކް ހޮޓެލްއަކީ އެނބޫދޫ ފަޅުގައި ތަރައްގީކުރާ ތިން ރިސޯޓުގެ ތެރެއިން އެއް ރިސޯޓެވެ. އެގޮތުން އެތަނުގައި މަތީ ފެންވަރުގެ 178 ކޮޓަރި ހުރެ އެވެ. އޭގެ ތެރޭގައި ފެމެލީ ސުއިޓްސް އާއި ބީޗް ވިލާ އަދި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ މޫދު ކޮޓަރި ވެސް ހަދަ އެވެ.
އެ ރިސޯޓުތަކުގެ އިތުރުން މި އަހަރުގެ ތެރޭގައި ހުޅުވަން ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ލިސްޓުގައި ކ. އަކިރިފުށީގައި ހަދާ އޯބްލޫ ސިލެކްޓް ސަންގެލި އާއި ރ. މިރިއަންދޫގައި ހަދާ މަޝްހޫރު ވެސްޓިން މޯލްޑިވްސް އާއި ނ. ކުރެދިވަރުގައި ހަދާ މޫވެންޕިކް ރިސޯޓް އެންޑް ސްޕާ އަދި ޅ. ކުޑަދޫގައި ހަދާ ކުޑަދޫ ޕްރައިވެޓް އައިލެންޑް އާއި ރ. އާރަށުގައި ހަދާ ދަ ހެރިޓެންސް މޯލްޑިވްސް އަދި ކ. އޮޅަހަލީގައި ހަދާ ލަކްސް ނޯތު މާލެ ވެސް ހިމެނެ އެވެ. އަދި އޭގެ އިތުރުން ހިލްޓަންގެ އެންމެ އަގުބޮޑު ބްރޭންޑް ކަމަށްވާ ވޯލްޑޮފް އެސްޓޯރިއާ ކަލެކްޝަން ހުޅުވާނެ އެވެ.