ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން ކަމަށްވާ، މެރިއެޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފި އެވެ.
އެ ރިސޯޓުން މިގޮތަށް ހުއްދަ ދިނީ މުވައްޒަފުން އެކަމަށް އެދި ޕެޓިޝަނެއް ހުށަހެޅުމުންނެވެ. މިއީ ބޭރުގެ ކުންފުންޏަކުން ހިންގާ ރިސޯޓަކުން މުވައްޒަފުންގެ އެދުމުގެ މަތިން ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.
ރިސޯޓު މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވީ މިއީ ރާއްޖޭގެ ޓޫރިޒަމަށާއި ރިސޯޓު މުވައްޒަފުންނަށް ލިބުނުު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މެރިއެޓް ފަދަ ބޮޑު ކުންފުންޏަކުން ހިންގާ ރިސޯޓެއްގައި ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދެވޭއިރު އެހެން ރިސޯޓުތަކުން ވެސް އެ ހުއްދަ ދެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެސްޓިން ރިސޯޓުން ވަނީ ތުނބުޅި ބެހެއްޓޭނގޮތަށް ނިންމައި ގައިޑްލައިނެއް ވެސް އާއްމުކޮށްފަ އެވެ. މި ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ތުނބުޅި ބަހައްޓަން ޖެހޭނީ ޓްރިމް ކޮށް، "ގްރޫމް" ކޮށްފަ އެވެ. އަދި އެއްވަރަކަށް ތުނބުޅި ނުފަޅާނަމަ ނުވަތަ ގްރޫމްކޮށްފައި ނުބެހެއްޓޭ ނަމަ ތުނބުޅި ބާލަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިހާރު ވެސް ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދެ އެވެ. ނަމަވެސް ޓޫރިސްޓުންނަށް ހިދުމަތް ދޭ ފްރޮންޓް އޮފީސް މުވައްޒަފުންނާއި ބަޓްލަރުންނާއި ވެއިޓަރުން ތުނބުޅި ބާލަން ޖެހެ އެވެ.
ރިސޯޓުތަކުގައި ތުނބުޅި ބެހެއްޓޭ ގޮތް ހަދައި ދިނުމަށް އެދި ރިސޯޓު މުވައްޒަފުން ވަނީ ރައީސަށް ހުށަހަޅަން ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފަ އެވެ.