ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން "ވިނަރެސް" ފްލެޓްތައް ހެދީ މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެންނެވެ. ދާދި ފަހުން އެ ކުންފުނިން ވަނީ އެ ތަން އާންމުންނަށް ބަލައިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އެ ތަނުގެ އަގުތަކާއި ފައިސާ ދައްކަން ޖެހޭ އުސޫލުތައް އާންމުކުރުމުން ގިނަ ބަޔަކު ވަނީ ވިނަރެސްގެ އަގުތަކާ ގުޅޭ ގޮތުން އެތައް ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.
އެއްބަޔަކު ބުނަނީ އެއީ "މެދުފަންތި" އަށް އެންމެ އެކަށީގެންވާ އަގެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ހުޅުވައިލާ އެފަދަ ފްލެޓްތަކަށް އެ އަގު ކަމުނުދާ ކަމަށް އެންމެންހެން ވެސް އެއްބަސްވެ އެވެ.
ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭނެ އެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ވަނީ ހާއްސަކޮށްފަ އެވެ.
ގާތްގަނޑަކަށް 800-900 އަކަފޫޓު ބޮޑުމިނުގެ އެ ފްލެޓްތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެބައޮތެވެ. އެއް އޮޕްޝަނަކީ ފްލެޓްގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓްގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. ދެވަނަ އޮޕްޝަނަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓްގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.
ފުރަތަމަ އޮޕްޝަނުގައިވާ ގޮތަށް ކުލި 20 އަހަރަށް ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށް ވެސް 19،000ރ. - 23،000ރ. އާ ދެމެދުގެ އަގެއް ދައްކަން ޖެހެ އެވެ. އެގޮތަށް ކުލި ބަހައިލުމުން ފްލެޓްގެ ޖުމްލަ އަގު 4.9 - 6 މިލިއަން ރުފިޔާ އަށް ބޮޑުވެ އެވެ. ދެވަނަ އޮޕްޝަނުގައިވާ ގޮތަށް ޑައުންޕޭމެންޓްގެ ގޮތުގައި 20 ޕަސެންޓް، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700ރ. - 20،500ރ. އާ ދެމެދުގެ އަދަދެއް ދައްކަން ޖެހެ އެވެ. އެހެން ހެދުމުން ތަނުގެ ޖުމްލަ އަގު 5.5 - 7.3 މިލިއަން ރުފިޔާ އަށް ބޮޑުވެ އެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ގޮތުން ވިނަރެސް ފްލެޓް އެއްފަހަރާ ދެއްކުމުން ނުވަތަ ބޭންކުން ލޯނެއް ނަގައިގެން ދައްކާ ނަމަ އެޕާޓްމެންޓްތައް އުޅޭނީ 2.5 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެންވެ އެ ކުންފުނި މެދުވެރިވެގެން އިންސްޓޯލްމެންޓަށް މަހު ކުލި ދައްކާ މީހުން ދައްކަން ޖެހެނީ ގާތްގަނޑަކަށް ދެ ގުނަ ނުވަތަ ތިން ގުނަ ބޮޑު އަދަދެކެވެ.
ހުޅުމާލޭގައި ކޮމާޝަލް ފްލެޓް އަޅާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ، އާންމުންނަށް އެޗްޑީސީން ދޫކުރާ ސޯޝަލް ފްލެޓްތައް އެންމެ ބޮޑުވެގެން ވެސް ހުންނަން ވާނެ ކަމަށް ގަބޫލުކުރަނީ އެއް މިލިއަން ރުފިޔާގައި ކަމަށެވެ.
"މިއަށް ވުރެ ބޮޑު ޖާގައިގެ ތަންތަން ވެސް ވިއްކާ އިރު އެޗްޑީސީން އެބަ އަގު ކޮންޓްރޯލް ކުރޭ އަކަފޫޓެއް 2،500ރ. އަށް. އެހެންވީމާ މިއީ ބޮޑު ފައިދާއެއް ހޯދުމަށް ކަނޑައަޅާފައި ހުރި އަގު ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
ވިނަރެސްގެ ބައެއް އެޕާޓްމެންޓްތައް ދޫކޮށްފައިވަނީ އަކަފޫޓެއް 3،100ރ. އަށެވެ. އަދި އެންމެ އަގު ހެޔޮކޮށް ދޫކުރި އެޕާޓްމެންޓްތައް ވެސް ވިއްކަނީ އަކަފޫޓެއް 2،300ރ. އަށެވެ. އެއީ އެއްފަހަރާ އަގު ދައްކާ މީހުންނަށް ލިބޭ ވަރެވެ. އެކަމަކު އިންސްޓޯލްމެންޓަށް ދައްކާ ބައެއް މީހުންނަށް އެޕާޓްމެންޓްގެ އަކަފޫޓެއް 7،000ރ. އަށް ވެސް އަރަ އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރިވެޔަކު ވިދާޅުވީ މިއީ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ފްލެޓްތަކަށް ޑިމާންޑް އޮތުމުން އެޗްޑީސީން ކުރާ ކަމެއް ކަމަށެވެ.
"ފްލެޓަށް އެބައޮތް ޑިމާންޑް. އެހެންވީމާ އޭގެ ފައިދާ ހޯދަން ކަމަށް މި ބެލެވެނީ މިހާ އަގު ބޮޑުކުރަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ވަނީ ވިނަރެސް ފްލެޓް މަޝްރޫއަށް 163 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހަރަދުކޮށްފަ އެވެ.
އެހެން ރިއަލް އެސްޓޭޓް ވިޔަފާރިވެރިއަކު ވިދާޅުވީ، އެޗްޑީސީން ވިނަރެސް ވިއްކަނީ ސޯޝަލް މިންގަނޑަށް ބެލުމަށް ވުރެ ބޮޑަށް ފައިދާ ހޯދަން ކަމަށެވެ. އެހެންވެ، އެ ވަރުގެ ފައިދާއެއް ލިބެން އޮއްވައި، އެ ހޯދުމުގެ މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތަނުން ލިބޭ ހިދުމަތްތަކާއި ޖާގަ އަށް ބަލާއިރު އެ ތަނުގެ އަގާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.
"ފާހާނަ އެހާ ކުޑަ. އެހާ ބޮޑު އަގެއްގައި ވިއްކާ އިރު، ޕޫލް އާއި އެހެން ކޮމާޝަލް ފްލެޓްތަކުގައި ހުންނަ ހިދުމަތްތަކެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ވިނަރެސް ފްލެޓްތައް ބަލަން ދިޔަ މީހަކު ބުނީ، ފާހާނާތައް ކުޑައިރު ބަދިގޭގައި ވެސް ބޭނުންކޮށްފައި ވަނީ އެންމެ އާދައިގެ ކަބަޑް ސެޓް ކަމަށެވެ. ބައެއް ކަބަޑް ސެޓްތަކުގެ ސައިޒް އެހާ ކުޑަ އެވެ.
"ކުދިކުދި ގޮޅިވަރުގެ ކަބަޑް ސެޓް ވެސް އެބަހުރި. އެހާ ބޮޑު އަގަށް ގަނެފައި އަނެއްކާ ފަހުން މި ޖެހެނީ ތަނުގައި އެ ކަހަލަ މަރާމާތު ކުރަން ފަށަން،" އޭނާ ބުންޏެވެ.
އެޗްޑީސީން ބުނީ އަގުތައް ކަނޑައަޅާފައި ވަނީ އެކި ފްލޯތައް އެކި ވަރަށް، އަދި އެ އެޕާޓްމެންޓަކުގެ ޖާގަ އާއި ލިބޭ ވިއު އަށް ބެލުމަށް ފަހު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ސަރަހައްދު ވާނީ ހުޅުމާލެ ފޭސް ދޭއްގެ އެންމެ ޕްރައިމް ސަރަހައްދަށް ކަމަށް އެޗްޑީސީން ބުނެ އެވެ. ނަމަވެސް، އާންމު ވިޔަފާރިވެރިން ވިއްކާ އަގުތަކާ އަޅާ ބަޅާއިރު، ދައުލަތުގެ ކުންފުންޏަކުން މިހާ ބޮޑު އަގެއްގައި ފްލެޓްތައް ވިއްކާ ސަބަބު ސާފެއް ނުވި އެވެ. އެކަމާ ބެހޭ ގޮތުން އެޗްޑީސީން އަދި ބަހެއް ނުބުނެ އެވެ.
އާންމުން ބުނަނީ، އަގުބޮޑު ވާހަކަ އެވެ. ތެދެކެވެ؛ މަހުން މަހަށް ފައިސާ ދައްކާ ނަމަ، ވިނަރެސްގެ ފްލެޓްތައް އެ ހުރީ މާލޭގައި ވެސް އެޕާޓްމެންޓްތައް ކުއްޔަށް ދޭ އަގުގަ އެވެ.