ކުރީގެ އަނބިމީހާ އެމްބާ ހާޑާ ދެކޮޅަށް ކޯޓުގައި ހޯދި ކާމިޔާބީއަށް ފަހު، މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް ޓިކްޓޮކް އެކައުންޓެއް ހުޅުވައި އެންމެ ވީޑިއޯއެއް ނުލަނީސް އެއް ދުވަސް ތެރޭ ހަތަރު މިލިއަނެއްހާ ފޮލޯވާސް ލިބިއްޖެ އެވެ.

ޑެޕާއި ހާޑް އެކަކު އަނެކެއްގެ މައްޗަށް ކުރި ކަތިލި ކަމުގެ ދައުވާއަށް މީޑިއާގައި ލިބުނު ބޮޑު ސަމާލުކަމުގައި އެންމެ ފޯރި ގަދަވީ ޓިކްޓޮކްގަ އެވެ. މިދިޔަ ދެތިން ހަފްތާގައި ޓިކްޓޮކްގައި އެންމެ ގިނައީ ޑެޕާއި ހާޑްގެ ވީޑިއޯތަކެވެ. އަދި ކޯޓުގައި ހިނގި މައްސަލަތަކުގެ ވާހަކަ އެވެ.

ޑެޕް އޭނާގެ އެކައުންޓްގައި ފުރަތަމަ ވީޑިއޯ ޕޯސްޓްކުރީ ވެސް ހުސްކޮށް އޮތް އެކައުންޓަށް އެތައް މިލިއަން ފޮލޯވަރުންނެއް ލިބުނު ފަހުންނެވެ. އެންމެ ފުރަތަމަ ޕޯސްޓްކުރި ވީޑިއޯގައި ޑެޕް ވަނީ އޭނާގެ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.