ހަފުތާއަކު ތިން ދުވަހު ދަތުރުކުރަމުން އަންނަ ރަޝިޔާގެ އޭރޯފްލޮޓްގެ ދަތުރުތައް ހަފުތާއަކު ހަ ދުވަހަށް އިތުރުކޮށްފި އެވެ.
ރާއްޖެ އަަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ، ރަޝިޔާގެ ގައުމީ އެއާލައިންގެ ދަތުރުތައް އިތުރުކުރިކަން ފާހަގަކުރައްވައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ދަތުރުތައް އިތުރު ކުރުމާ އެކު އެންމެ ބޮޑު ފައިދާއެއް ލިބޭނީ ގެސްޓްހައުސްތަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އޭރޯފްލޮޓްގެ ފްލައިޓުތައް އިތުރު ކުރުމުން ރަޝިޔާ ސަރަހައްދުން އަގު ހެޔޮކޮށް ޓޫރިސްޓުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ.
"އެންމެ ބޮޑު ކުރިއެރުމެއް ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ އަށް. ގިނަ ދަތުރުތައް ކުރަން ފެށުމުން ޓޫރިސްޓުންނަށް ފަސޭހައިން ދަތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަޝިޔާއިން ފްލައިޓްތައް ރާއްޖެ އަށް ދަތުރުކުރުން ހުއްޓާލުމުން ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ އަށް ވަރަށް ބޮޑަށް އަސަރު ކުރި އެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިން އެ ސަރަހައްދުން ރާއްޖެ އަށް އެންމެ ގިނަ ފްލައިޓު އަޅަމުން ދިޔައީ އޭރޯފްލޮޓް އިންނެވެ. އެހެން ނަމަވެސް ހަނގުރާމައާ ހެދި ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ދަތުރުތައް ފެށީ މިދިޔަ މަހު އެވެ.