ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް ދަނީ އިތުރުވަމުން ކަމަށާއި މިދިޔަ ހަފްތާގައި އެކަނި ވެސް ކޮވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ ސާމްޕަލް ޕޮޒިޓިވިޓީއާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ. މެއި މަހުގެ ތެރޭގައި މުޅި ރާއްޖެއިން އެޑްމިޓްކުރީ އެންމެ 15 މީހުން ކަމަށް ވިޔަސް މިމަހުގެ މިހާތަނަށް 11 މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެެހެންވެ ކޮވިޑްގެ ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.
ސަމާލުކަން ދެންވީ ކަންކަން:
- ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓްކުރުން.
- މާސްކް އެެޅުން (ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާ އެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި އެތަންތަނަށް ޒިޔާރާތްކުރާއިރު މާސްކް އެޅުން)
- ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުން.
- ވެކްސިން ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުން ވެކްސިން ފުރިހަމަކުރުން (12 އަހަރާ 18 އަހަރާ ދެމެދުގެ ކުދިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން އަދި 18 އަހަރުން މަތީގެ މީހުން ދެ ޑޯޒް ފުރިހަމަކޮށް ހަ މަސްވެފައިވާ ނަމަ ބޫސްޓާ ޖެހުން)
އެޗްޕީއޭގެ ބަޔާނުގައި ބުނީ ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން ދާ ކަމަށެވެ. އެހެންވެ ރާއްޖޭގައި އަލުން ހާލަތު ގޯސްވިޔަ ނުދިނުމުގެ ގޮތުން އެންމެން ވެސް ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އެދެ އެވެ.
އެޗްޕީއޭ އިން ކޮންމެ ހަފްތާއަކު ކޮވިޑްގެ ހާލަތު އާންމުކުރަމުން އަންނައިރު އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޭޕްރީލް މަހު ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ހަ ޕަސެންޓްގަ އެވެ. އެކަމަކު މެއި މަހުގެ ތެރޭގައި ތިން ޕަސެންޓަށް ވެއްޓުމަށް ފަހު މުޅި މަސް ނިމުނުއިރު ވެސް ހަތަރު ޕަސެންޓަށް ވުރެ މައްޗަށް ޕޮޒިޓިވިޓީ ރޭޓް އަރައިގެންނެއް ނުދެ އެވެ. އެކަމަކު ޖޫން މަހު ކުއްލިއަކަށް މައްޗަށް އަރައިގެންދިޔަ ގޮތަށް މިހާރު ޕޮޒިޓިވިޓީ ރޭޓް ހުރީ 8 ޕަސެންޓްގަ އެވެ.
ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާން ފެށިއިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން އުވާލުމާ އެކު މިހާރު މާލޭގައި ގިނަ މީހުން އެއްގޮތަކަށް ވެސް މާސްކް ނާޅަ އެވެ. ހޮސްޕިޓަލުތަކުގައި ވެސް ބައެއް މީހުން މާސްކް ނާޅައި އުޅެ އެވެ.