ޕީއެސްއެމްގެ ދީނީ ޓީވީ ޗެނަލް "މުންނާރު" އިފްތިތާހުކޮށްފި

ދީނީ މައުލޫމާތު ފަތުރަން އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅިގެން އުފެއްދި ޓީވީ ޗެނަލް "މުންނާރު"، ރައީސް އަބްދުﷲ ޔާމީން މިއަދު، ރައީސް އޮފީހުގައި، އިފްތިތާހުކޮށް ދެއްވައިފި އެވެ.


ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ އެ ޗެނަލްގެ ޚިދުމަތް މިވަގުތު ލިބޭނީ ދުވާލަކު ފަސް ގަޑިއިރެއްހާއިރު ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޗެނަލްގެ ޚިދުމަތް ފުޅާކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް އަޅުގަނޑުމެންނަށް ލިބޭ ޔަގީން ކަމަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދިވެހި ދައުލަތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަން،" އިކްރާމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ރާއްޖެ އުފެދިފައި އޮތް ގޮތުން އެފަދަ ޓީވީ ޗެނަލެއް ވަރަށް މުހިންމު ކަމަށެވެ. ރަށްރަށުގެ ރައްޔިތުންނަށް ދީނީ މައުލޫމާތު ލިބުމުގައި ދިމާވަމުންދިޔަ ދަތިތަކަށް "މުންނާރު"އާ އެކު ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދީނީ ޗެނަލް އުފެއްދުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި ޕީއެސްއެމްއާ ދެމެދު ސޮއިކުރީ މިދިޔަ މަހު އެވެ.

ޕީއެސްއެމް އިން މިހާރު ވެސް އަންނަނީ "ދީނުގެ އަޑު" ގެ ނަމުގައި ދީނީ ރޭޑިއޯ ޗެނަލެއް ވެސް ހިންގަމުންނެވެ.