އާ އަހަރާއެކު ކެޔޮދޫގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަނީ

މާދަމާ ފަށާ އާ އަހަރާ އެކު ވ. ކެޔޮދުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ނިންމައިފި އެވެ.


ތިމާވެއްޓާ ރައްޓެހި އަޒުމުގައި މަސައްކަތް ފެށުމަށް އެ ރަށުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވި އެވެ.

ކައުންސިލް މެމްބަރު ހުސައިން ހާފިޒު ވިދާޅުވީ މާދަމާ އިން ފެށިގެން އެ ރަށުގައި ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނެ، އަމާޒު ހިފާފައި ވަނީ ކުރި އަށް އޮތް ފަސް އަހަރުގެ ތެރޭގައި ޕްލާސްޓިކުގެ ގިނަ ބާވަތްތައް އެ ރަށުގައި ބޭނުންކުރުން މުޅިން ހުއްޓާލުމަށް ކަމަށެވެ. މިއީ، ރަށުގެ ރައްޔިތުންނާ ކައުންސިލުން މަޝްވަރާކޮށް، ގެސްޓު ހައުސް އޮފް މޯލްޑިވްސްއާ އެކު ފެށި މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ފަށައިގަންނަ އިރު ޕްލާސްޓިކް ކޮތަޅު ވެސް މުޅިން ހުއްޓާލުން ވަރަށް އުނދަގޫވާނެ. އެހެންވެ މިހާރު ނިންމާފައި އޮތް ގޮތަކީ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު (ހިލޭ ދިނުމުގެ ބަދަލުގައި) ވިއްކުން. އެންމެ ކުޑަ އަގަކީ ފަސް ރުފިޔާ،" ހާފިޒު ވިދާޅުވި އެވެ.

ކެޔޮދޫގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަން ފެށުމުގެ ޕްރޮގްރާމް ފިނޭންސް މިނިސްޓަރު މުނައްވަރު އިފްތިތާހުކޮށްދެއްވަނީ. --ސޯޝަލްމީޑިއާ ފޮޓޯ: އަހްމަދު އަޖުވަދު

ފިހާރަތަކުން ބޮޑު އަގުގައި ކޮތަޅު ވިއްކަން ފެށުމުން، އޭނާ ވިދާޅުވި ގޮތުގައި، ވިޔަފާރިކުރަންދާ އެންމެން ވެސް ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންގުޅެން ހިތްވަރަކަށް ވާނެ އެވެ. ކެޔޮދޫ ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން މިއަދު ވަނީ އެ ރަށަށް ތިމާވެއްޓާ ރައްޓެހި 1،000 ކޮތަޅު ހަދިޔާކޮށްފަ އެވެ.

އާބާދީގައި ގާތްގަނޑަކަށް 800 މީހުން ދިރިއުޅޭ ރަށުގެ ކައުންސިލަރު ވިދާޅުވި ގޮތުގައި ތިމާވެށީގެ ހިމާޔަތުގައި ފަށާފައިވާ މަސައްކަތުގައި އަންނަ އަހަރު އެ ރަށުގައި ވަރަށް މުހިއްމު މަޝްރޫއެއް ކުރިއަށް ގެންދާނެ އެވެ. އެއީ، އެ ރަށުގެ ފަޅު ތެރޭގައި ކަނޑުއަޑީގެ މިއުޒިއަމެއް ހެދުން ކަމަށް ވިދާޅުވި އެވެ.

"އާ އަޒުމަކާ އެކު ފެށި މި މަސައްކަތުގައި ތިމާވެއްޓާ ރައްޓެހި މިފަދަ ގިނަ ކަންކަން ކުރިއަށް ގެންދާނެ،" ހާފިޒު ވިދާޅުވި އެވެ.

ކެޔޮދު އަކީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަން ނިންމި ދެ ވަނަ ރަށެވެ. މިދިޔަ އަހަރުގެ ތެރޭގައި އއ. ބޮޑުފުޅަދޫގައި ވެސް ވަނީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނެފަ އެވެ.