ކ. މާފުށީގައި އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރޭ ރަސްމީކޮށް ފެށިއިރު، އެ މުބާރާތުގައި އަފްޣާނިސްތާން ތަމްސީލުކުރީ އެންމެ މީހެކެވެ. އެކަމަކު އެއީ އެތުލީޓެއް ނޫނެވެ. އޮފިޝަލެކެވެ. އަބްދުރަހްމާން ހަމީދު، އޭނާގެ ލޯބިވާ ގައުމު އަފްޣާނިސްތާނު ތަމްސީލުކުރަން އެކަނިމާއެކަނި ރާއްޖެ އަންނަން ޖެހުނީ ތޯލިބާނުން އެއްވެސް އެތުލީޓަކަށް އެ ފުރުސަތު ނުދިނުމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި އަފްޣާނިސްތާނު ތަމްސީލު ކުރަން، އެ ގައުމުގެ ދިދަ ހިފައިގެން ސްޓޭޖަށް އެރީ އޭނާ އެވެ.

"އަހަރެން މި ހުރީ އެކަނި. އަފްޣާނިސްތާނުގެ އެއްވެސް އެތުލީޓަކަށް މުބާރާތަކަށް ނާދެވުނު. އެ މީހުން ފޮނުވަން ތާލިބާނުން ދެކޮޅު ހެދީ،" މާފުށީގައި ހުރެ "މިހާރު" އަށް ދިން އިންޓަވިއުގައި އަބްދުރަހްމާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މުބާރާތަށް ރާއްޖެ އަންނަން އަފްޣާނިސްތާނުގެ އެތުލީޓުން ތައްޔާރުވި އެވެ. ފެންވަރުގެ ގޮތުން ވަރަށް ރަނގަޅު 20 އެތުލީޓުން އަފްގާނިސްތާނުގައި ތިބޭނެ ކަމަށް އިރާނުގައި މިހާރު ދިރިއުޅޭ އަބްދުރަހްމާން ބުންޏެވެ.

މުބާރާތް އިފްތިތާހް ކުރުމަށް ކ. މާފުށީގެ ބީޗް ސަރަހައްދުގައި ބޭއްވި ހަފުލާގައި މުބާރާތުގައި ވާދަކުރާ އެކި ގައުމުތައް ދައްކާލަނީ: އަފްޣާނިސްތާން ތަމްސީލު ކުރީ އަބްދުއްރަހްމާން --. ފޮޓޯ: ނިޝާން އަލީ | މިހާރު
މުބާރާތް އިފްތިތާހް ކުރުމަށް ކ. މާފުށީގެ ބީޗް ސަރަހައްދުގައި ބޭއްވި ހަފުލާގައި މުބާރާތުގައި ވާދަކުރާ އެކި ގައުމުތައް ދައްކާލަނީ: އަފްޣާނިސްތާން ތަމްސީލު ކުރީ އަބްދުއްރަހްމާން --. ފޮޓޯ: ނިޝާން އަލީ | މިހާރު

މިދިޔަ އަހަރު އޯގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ބާރުވެރިކަން އަލުން ހޯދުމުން އެތައް ބަޔަކު ގައުމު ދޫކޮށް ފިލައިގެން ވެސް ދިޔަ އެވެ. އޭގެ ތެރޭގައި އަބްދުރަހްމާން ހިމެނެ އެވެ.

"ފިލައިގެން އަހަރެން ދިޔައީ އިރާނަށް،" މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަބްދުރަހްމާން ބުންޏެވެ.

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް މީގެ ކުރިން އަފްޣާނިސްތާންގެ އެތުލީޓުން ތައްޔާރު ކުރުމުގައި، ނިއުޓިރިޝަނަލް ސައިންސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލޮށްފައިވާ އަބްދުރަހްމާންގެ ދައުރު ބޮޑެވެ. އަފްޣާނިސްތާންގައި ނުހުރެވުނަސް އޭނާ ހުރީ މި ފަހަރުގެ މުބާރާތުގައި ވެސް އަފްޣާނިސްތާންގެ އެތުލީޓުންނަށް އެހީވުމަށެވެ. އިރާން މަގުން އޭނާ ރާއްޖެ އައި އެއް ސަބަބަކީ ވެސް އެއީ އެވެ. އަފްޣާނިސްތާންގެ އެތުލީޓުން މުބާރާތަށް ރާއްޖެ އަންނާނެ ކަމަށް އޭނާ ހީކުރި އެވެ.

އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަންގެ ކޮންގްރެސްގައި އަބްދުއްރަހްމާން
އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަންގެ ކޮންގްރެސްގައި އަބްދުއްރަހްމާން

"އެންމެ ފުރަތަމަ ތާލިބާނުން ބުނި އަހަރެމެންގެ އެތުލީޓުން މުބާރާތަށް ފޮނުވާނަމޭ. އެކަމަކު ފަހުން އެ މީހުންގެ ހިޔާލު ބަދަލުވި. އެތުލީޓުން ރާއްޖެ އަށް ފޮނުވަން ހިނގާ ހަރަދުތައް ބަލާފައި އެ މީހުން ބުނިީ މި ފައިސާ ހަރަދެއް ނުކުރެވޭނެއޭ. އެ އަށް ވުރެ މާ ރަނގަޅު ވާނެއޭ މި ފައިސާ އިން މިސްކިތެއް އެޅިއަސް،" ތޯލިބާނުން އަފްޣާނިސްތާންގެ ވެރިކަން ހޯދުމާ ހަމައަށް ކާބުލްގައި ދިރިއުޅެމުން ދިޔަ އަބްދުރަހްމާން ކިޔައި ދިނެވެ.

ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) އިން ވެސް އުންމީދުކޮށްގެން ތިބީ އަފްޣާނިސްތާނުގެ އެތުލީޓުން ރާއްޖެ އަންނާނެ ކަމަށެވެ.

ބީބީއޭއެމްގެ އޮފިޝަލް ވިދާޅުވީ އަފްގާނިސްތާންގެ ފެޑެރޭޝަނުން މުބާރަތަށް ރާއްޖެ އަންނަން މަސައްކަތް ކުރި ކަމަށެވެ.

އަފްޣާނިސްތާންގެ އެތުލީޓަކު މުބާރާތުގައި ނުފެނުމަކީ އަބްދުރަހްމާނަށް ލިބުނު ދެރަ އެކެވެ. އެކަމަކު، އެ ގައުމުގެ ބަކްތިޔާ ޕްރޮވިންސަށް އުފަން އަބްދުރަހްމާން ހުރީ އެކަނިމާއެކަނި ވެސް އޭނާގެ އަމިއްލަ ގައުމު ތަމްސީލު ކުރުމަކީ އަށް ލިބޭ ފަހުރެއް ކަމުގައި ދެކިގެންނެވެ.