ހައިވަކަރު އަހުމަދުފުޅު
05 އޯގަސްޓް 2022 - 10:54
ރާއްޖޭގެ ފުޓްބޯޅައިގެ އިހުގެ ތަރިއެއް ކަމަށްވާ އަދި ސިފައިންގޭގައި ހިދުމަތް ކުރައްވައި ފަހުން އަތޮޅުވެރިކަން ވެސް ކުރެއްވި މއ. ހައިވަކަރުގޭ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.
އުމުރުން 89 އަހަރުގައި އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ. އަހުމަދުފުޅުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
އަހުމަދުފުޅަކީ ރާއްޖޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އަދި އެންމެ ކާމިޔާބު އެއް ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ގެ ބައްޕަ އެވެ. އޭނާގެ އެހެން ބޭފުޅުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް ލީލާ އަހުމަދާއި މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހުދީ އަހުމަދާއި މެރެތަން ދުވުންތެރިޔާ އަހުމަދު މިސްތޯހް އާއި ތުމާ އަހުމަދު ހިމެނެ އެވެ.
އަހުމަދުފުޅުގެ އަނބިކަނބަލުންނަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ހުށަހެޅުންތެރިޔާ ނަޖުމާ ހުސެއިނެވެ.
އަހުމަދު ފުޅާއި އަނބިކަނބަލުން ނަޖުމާ، ކުދިންނާ އެކު އާއިލާ ގްރޫޕް ފޮޓޯއެއްގައި.
އަހުމަދުފުޅަކީ، މުހައްމަދު އަމީނުގެ ދައުރުގައި، ރާއްޖެ ގެނައި ފުރަތަމަ ފުޓްބޯޅަ ކޯޗު ސްރީ ލަންކާގެ މައިކަލް ޑި ސިލްވާގެ ތަމްރީނުތަކުގައި ބައިވެރިކުރަން މަޖީދިއްޔާ ސްކޫލުން ނެގި ދަރިވަރުންގެ ތެރެއިން އެކެކެވެ. އޭނާވީ ގޯލްކީޕަރަކަށެވެ.
"މަޖީދިއްޔާގައި އޮންނަނީ [ތިއަރީ] ކިޔަވައިދިނުމުގެ ކްލާސް. [ޕްރެކްޓިކަލް] ތަމްރީނުތައް ދެނީ ހެންވޭރު ދަނޑުގައި. ވިނަގަނޑުގައި ރިޔާ ފަތުރައިގެން އޭގެ މަތީގައި ގޮތްގޮތަށް ވެއްޓި، ބޯޅަ ހިފައި ހެދުމުގެ ތަމްރީނުތައް އޭނާ ދެމުން ދިޔައީ. ކުޅޭއިރު ވެއްޓި މަށައިގެން ހިނގައިދާނެތީ ރިޔާ ފަތުރާފައި އޮންނާނީ،" އަހުމަދުފުޅު 2019 ވަނަ އަހަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެ ހަނދާންތައް އާކުރެއްވި އެވެ.
އަހުމަދުފުޅު ވަނީ އޭރު އަލަށް އުފެދުނު މައްޗަންގޮޅީ ކްލަބަށް ކުޅުއްވަައިފަ އެވެ. އެ ކްލަބާ އެކު ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރައްވައި އެއް ވަނަ ކީޕަރުގެ މަގާމު ހޯއްދެވި އެވެ. އަދި އެއް ގޮތުން ބަލާއިރު ރާއްޖޭގައި އެކުލަވައިލި ފުރަތަމަ ގައުމީ ޓީމު، ހުރިހާ ކްލަބަކުން ހޮވި މޮޅު ކުޅުންތެރިން ހިމެނޭ އެއް ވަނަ 11 ޓީމަށް ވެސް ކުޅުއްވި އެވެ.
އޭނާ ގައުމީ ހިދުމަތުގެ ތެރެއަށް ވެންނެވީ 1953 ވަނަ އަހަރު ސިފައިންގެއާ ގުޅިވަޑައިގެންނެވެ. ހައިވަކަރު އަހުމަދުފުޅު ވަނީ ސިފައިންގެ ކްލަބަށް ފުޓްބޯޅައިގެ އިތުރުން ރަގްބީ ވެސް ކުޅުއްވައިފަ އެވެ.
ނައިފަރު މަދަރުސަތުލް އިފްތިތާހުގެ 50 ވަނަ އަހަރީ ދުވަހު، އޭރު ޅ. އަތޮޅުގެ އަތޮޅުވެރިޔަކަށް ހުންނެވި އަހުމަދުފުޅު (ކ) ރައީސް މައުމޫނާ އެކު.
ރައީސް މައުމޫން އަބްދުލްގައްޔޫމް 1978 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވިއިރު އަރިހުގައި ހުންނެވި ސިފައިންގެ ބޭކަލަކީ ވެސް އަހުމަދުފުޅެވެ. މައުމޫންގެ ރައީސްކަން ފެށުމާ އެކު، އޭނާ ސިފައިންގޭގެ ހިދުމަތުން ބަދަލުކުރެއްވި އެވެ. އަހުމަދުފުޅު ސިފައިންގެ ދޫކުރެއްވީ 24 އަހަރު ހިދުމަތްކުރެއްވުމަށް ފަހު، އެވެ. އޭރު ހުންނެވީ ސިފައިންގޭގެ އޭރުގެ އެންމެ މަތީ ރޭންކުކަމަށްވާ ކެޕްޓަނެއްގެ މަގާމުގަ އެވެ.
މައުމޫނުގެ ވެރިކަމުގައި އޭނާ ބޮޑަށް ހިދުމަތް ކުރެއްވީ އެޓޯލްސް މިނިސްޓްރީގަ އެވެ. ޅ. އަތޮޅާއި މުލަކު އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަން ވަރަށް ގިނަ ދުވަހު ކުރެއްވި އެވެ. ފަހުން އިންފޮމޭޝަން މިނިސްޓްރީގައި ވެސް މަސައްކަތްކުރެއްވި އެވެ.
އަހުމަދުފުޅު ވަނީ ދައުލަތަށް 58 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރީފު
06 August 2022
އަހުމަދުފުޅަކީ ހުލްގުހެޔޮ، އެކުވެރި އަދި ރަގަޅު ހިތެއްގެ ވެރިއެއް. އެމަނިކުފާނަކީ އަޅުގަނޑުމެނާ ވަކިވެގެންދިޔަ ވަރުގަދަ ޤައުމީ ޚިދުމަތްތެރިއެއް، މަރުޙޫމުގެ ފުރާނަފުޅަށް ރަޙްމަތްލައްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން.
އަބްޑޫޅް
06 August 2022
ހައިވަކަރު، މިއީ ވަރަށް ރަގަޅު، ހިތްހެޔޮ، ހިތްތިރި މީހެއް.
ފަތުހިއްޔާ
08 August 2022
ބޭބެއަށް ސުވަރުގޭގެހެޔޮދަރުމަޔާޢި ސަވާބް ދެއްވުން އެދި ދުއާކުރަމެވެ އާމީން
އޮނަރަބްލް އަފީފު ދީދީ
05 August 2022
ދުނިޔޭގައި އުޅޭ އުޅުމުގައި ކިހުރުވެރިކަމާއި، ބޮޑާވެގަތުމާއި، އެހެން މީހުންގެ މައްޗަށް އަނިޔާވެރިވެ ނުގަތުމަށް އަހަރުމެން މުސްލިމުންނަށް އަމުރު ކުރައްވަމުން އަދި އަހަރުމެނަށް މަރުގެ ހަދާން އާކޮށްދެއްވުމަށް ތޯހާ ސޫރަތުގެ 55 ވަނަ އާޔަތް ބާލައިލެއްވި. އެއާޔަތުގައި އޮތީ مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ. # މަރުވެގެން ދާއިރު ގެންދެވޭނީ ހަމައެކަނި އޭނާ ކޮށްފައިވާ އަމަލުތަކުގެ ނަތީޖާ.
ރަދީފު ބިން ރަފައިދާ
05 August 2022
ގެއްލިގެންއެދިޔައީ ވަރުގަދަ ޚިދުމަތްތެރިއެއް، މަރުޙޫމުގެ ފުރާނަފުޅަށް ރަޙްމަތްލައްވާށި. އާމީން.
عبد السميع لميع
05 August 2022
ان لله وانا اليه راجعون
ހަސަންދީ
05 August 2022
ޤައުމީ ޚިދުމަތްތެރިއެއް ނަމޫނާ ބައްޕައެއް މާތް އަޚުލާގެއްގެ ވެރިއެއް އެހާމެ ޚިދުމަތްތެރި ދަރިންތަކެށް ޚިދުމަތަށް ނެރެދެއްވި ބޭފުޅެއް، މަރުހޫމަށް އާޚިރަތް ބާއްޖަވެރި ކުރައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އާމީން!
އައިމިނާ
05 August 2022
ކުރީގަ އެހެންމީހެއްގެ ކުދިންވެސް ތިބޭ.
ޑޮކްޓާރ. ބަނާނާ
05 August 2022
ސިފައިންގެ ހިދުމަތުގައި 24 އަހަރު!. އަތޮޅުވެރިއެއް! ކުޅުންތެރިއެއް! ޢަދި ތައުލީމީ ޒިއްމާދާރު އާއިލާއެއް ބިނާކުރެއްވި ބޭފުޅެއް! މިއަދު މިގައުމަށް ބޭނުންވަނީ މިފަދަ ނަމޫނާ ދިވެހި ދަރީން! މަރްޙޫމުގެ ފާފަތައް ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވަވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި އާމީން.
ކުއްޅަވަ
05 August 2022
މިއަދުގެ ދިވެހިން ދަރީން ތަންކޮޅެއް ބިޒީކޮށް އިޅެނީ ހުތުބާގަޑީވެސް ޓްވިޓާގަ
ހަކީމްބެ
05 August 2022
ان لله وانا اليه راجعون. މިފަދަ އިހުލަާސްތެރި ހިންގުންތެރި ބޭފުޅުން މިގައުމަށް ބޭނުންވި ނަމަވެސް މިއަދު މިފަދަ ބެފުޅުން ނެތުމުން މިފެންނަނީ ބޭރު ގައުމުތަކުގެ މީހުން ގައުމުގެ ހުރިހާ ކަމަކަށް އަތްބާނާ ގައުމު ކިލަނބު ކުރަމުން ދާތަން. މަރުޙޫމުގެ ފުރާނަފުޅަށް ރަޙްމަތްލައްވާށި. އާމީން.
އާފިޔާ2
05 August 2022
އަހުލާގީ ގޮތުން ދީނީ ގޮތުން އެއްވަނަ ދަރަޖައިގެ ނަމޫނާ ފަހުރުވެރި ދިވެއްސެއް/މީހެއް. އަޅުގަޑު ވަރަށް ދަންނަން ވަރަށް ރަގަޅު މީހެއް.
ށަވޮޔަނި
05 August 2022
ގައުމީ ބަޠަލެއްގެ އިތުރުން ތަފާތު ދާއިރާތަކުން އަމިއްލަ ދަރިންނަށް ތަޢުލީމުދީ ގައުމީ ޚިދުމަތަށް ނެރުނު ހީރޯއެއް. ﷲ މަރްޙޫމުގެ ފާފަތައް ފުއްސަވައި ރަހްމަތްލައްވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވަވާށި. އާމީން.