މިހާރު ކުރިޔަށްދާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުޑަ ހެންވޭރު ޔުނައިޓެޑާއި ވީކޭ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފި އެވެ.

ތިން ވަނަ ޑިވިޝަން ފައިނަލުން މި ދެ ޓީމު ޖާގަ ހޯދުމާ އެކު މި ދެ ޓީމު ވަނީ އަންނަ އަހަރުގެ ދެ ވަނަަ ޑިވިޝަނުން ޖާގަ ހޯދައިފަ އެވެ. މި ދެ ޓީމަކީ މި ފަހަރުގެ ތިން ވަނަ ޑިވިޝަންގައި އެންމެ ވަރުގަދަކޮށް ފެނުނު ދެ ޓީމެވެ.

ކުޑަ ހޭންވޭރު ފައިނަލަށް ދިޔައީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލު މެޗުގައި އަވާ ރެކްރިއޭޝަން ކްލަބްގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ. ކުޑަ ހެންވޭރުގެ ލަނޑުތައް ކާމިޔާބުކުރީ އިބްރާހިމް ޝަނޫން ދެ ލަނޑާއި ޝަހީމް އަބްދުލް ގާދިރާއި ހަސަން ނޫރިޝް އަދި އަލީ ޝިފާއު ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނެރުނު ވީކޭ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ރޭ ވިލިމާލެ ޔުނައިޓެޑް 6-0 އިން ބަލިކުރުމަށް ފަހު އެވެ.

ވީކޭގެ ލަނޑުތައް ކާމިޔާބުކުރީ އަހުމަދު ހަލީމް އާއި ހަސަން ވިޝާހް ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑާއި އަބްދުﷲ ޖުނައިދު އަދި ހުސެއިން ޝަރީފެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ ތިން ވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލުން ފެށިގެން މެޗުތައް ކުޅެމުން އަންނަނީ ގަލޮޅު ދަނޑުގަ އެވެ. ކުރިން މި މުބާރާތުގެ މެޗުތައް ކުޅެނީ ހެންވޭރު ދަނޑާއި ޓާފް ދަނޑުގަ އެވެ.

ވީކޭ އާއި ކުޑަ ހެންވޭރު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.