ކުޑަ ހެންވޭރު ޔުނައިޓެޑް އަތުން 3-0 އިން މޮޅުވެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވީކޭ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗަށް، ދެ ޓީމުގެ ސަޕޯޓަރުން އޮތީ ގޮނޑިބަރި ފުރާލައިފަ އެވެ. މެޗުގައި ފެނިގެން ދިޔަ ތިން ލަނޑު ވެސް ވީކޭ އިން ޖަހާފައިވަނީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވީކޭ އިން ވަނީ ތިން ހަމަލާއެއް ފޮނުވާލައިފަ އެވެ. މީގެ ތެރެއިން އެ ޓީމުގެ އަބްދުﷲ ޖުނައިދު ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅަ ކުޑަ ހެންވޭރުގެ ގޯލްކީޕަރު އިސްމާއިލް ފާތިހު މަތަކުރި އެވެ.
އޭގެ ފަހުން ކުޑަ ހެންވޭރުގެ ޝަހީމް އަބްދުލްގާދިރު ފޮނުވާލި ހިލޭ ޖެހުން ވީކޭގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) މަތަކުރި އެވެ. ޝަހީމާއި ބަބޭ އަކީ ކުރިން ނިއު ރޭޑިއަންޓަށް އެކުގައި ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޝަހީމްގެ އިތުރު ހަމަލައެއް ވީކޭގެ ގޯލަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެ ވަނަ ހާފުގައި ވީކޭ އިން އެޓޭކްތައް ވަރުގަދަކުރިއިރު އެ ޓީމަށް ލީޑު ލިބުނީ 68 ވަނަ މިނެޓުގައި މުހައްމަދު ސުޖަން އަހުމަދު ޖަހައިދިން ގޯލުންނެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއް، ސުޖަން ގޯލަށް ވައްދާލީ އޭރިއާ ރޮނގު މަތިން ޖަހަ އެވެ.
ވީކޭ ހަނި ލީޑެއްގައި އޮވެ މެޗު ނިމެން ދަނިކޮށް އެ ޓީމުގެ ދެ ވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. މި ލަނޑާ އެކު ކުޑަ ހެންވޭރުން ކުރިއަށް ޖެހުމުގެ ނަތީޖާއަކަށްވީ ވީކޭ އިން ކައުންޓާ އެޓޭކުގައި އިތުރު ގޯލެއް ޖެހުމެވެ. އިތުރު ވަގުތުގެ ތެރޭ މި ގޯލް ޖެހީ ވީކޭގެ ކެޕްޓަން އަދި ކުރިން މާޒިޔާ އަށް ކުޅުނު ފޯވާޑް އަލީ މަލާޝް (މައްލަ) އެވެ.
މުބާރާތުގެ މެޗެއްގައި 36 ލަނޑު ޖަހައި ދިވެހި ފުޓްބޯޅައިގެ ރެކޯޑެއް ގާއިމްކޮށްފައިވާ ވީކޭ އަށް އަދި ރަނަރަޕް ކުޑަ ހެންވޭރަށް ވަނީ މި އަހަރުގެ ދެ ވަނަ ޑިވިޝަނުން ޖާގަ ލިބިފަ އެވެ.
ވީކޭގެ ކޯޗު އިބްރާހިމް ޝާފިއު (ޝާއްކޮ) ބުނީ އެ ޓީމަށް ޗެމްޕިއަންކަން ލިބުނީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ކަމަށާއި ކްލަބުގެ މެނޭޖްމަންޓުގެ އަމާޒަކީ މި ކާމިޔާބީއާ އެކު ކުރިއަށް ގޮސް ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ވެސް ހޯދުން ކަމަށެވެ.
"މި ޓީމުގެ ކުޅުންތެރިން (ދެ ވަނަ ޑިވިޝަން ކުޅެން) މަޑުކުރާނެ. ޓީމެއްގެ ގޮތުގައި ކުޅެގެން މިހިސާބަށް އާދެވުނީ. އެހެންވެ މި ގޮތުގައި އޮންނާނެ،" މާޒިޔާގެ އެކަޑަމީ ހެޑް ކޯޗުގެ މަގާމް ވެސް އަދާކުރާ ޝާއްކޮ ބުންޏެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ވެލިއަންޓް ސްޕޯޓްސް ކްލަބް އަތުން 36-0 އިން ވީކޭ މޮޅުވި މެޗުގައި 11 ލަނޑު ޖެހި އަހުމަދު ހަލީމެވެ. އެއް ވަނަ ގޯލްކީޕަރަކީ ވީކޭގެ ބަބޭ އެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން 2012 ވަނަ އަހަރު މަހިންދަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރިއިރު ގޯލް ބެލެހެއްޓި ބަބޭ ވީކޭ އަށް ކުޅެނީ ލޯން އުސޫލުންނެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ނަޒާކީ ފުޓްބޯލް ކްލަބެވެ.