މުޅި ހޮލީވުޑްގައި ވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން އޮތް ސެލެބްރިޓީ ޖޯޑު ކިމް ކާޑޭޝިއަން އާއި ޕީޓް ޑޭވިޑްސަން ވަކިވެއްޖެ އެވެ.
ގިނަ ބަޔަކު ހީވެސް ނުކުރާ ޖޯޑު އެކީގައި ވަރަށް އުފަލުން އުޅޭތަން ފެނުމަށް ފަހު ވަކިވެފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
ކިމް އާއި ޕީޓް ދިމާވެފައިވަނީ މީގެ އަހަރުތަކެއް ކުރީން އެސްއެންއެލް ސްކެޗްތައް ހެދުމުގެ ތެރެއިންނެވެ. އެއަަށްފަހު ދެމީހުން އެކުވެރިންނަށް ވި އެވެ. ނަމަވެސް ދެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ މީގެ ނުވަ މަސް ކުރީންނެވެ.
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ގާތުން ވަރިވުމަށް ފަހު ކިމް ޕީޓް އާ ގުޅި ދެމީހުން ވަނީ ވަރަށް ސީރިއަސް ވެފަ އެވެ. ދެމީހުން ބޮޑެތި އިވެންޓުތަކަށް އެކީގައި ގޮސް އާއިލާގެ މެމްބަރުންނާ ބައްދަލުކޮށް އުޅުނެވެ.
ދެމީހުން އެކީގައި ކައިވެންޏާ ދިމާލަށް މިސްރާބު ޖަހާފައި ތިބި ކަމަށް ވެސް ދެމީހުން އެކި ފަހަރުގެ މަތީން ބުންޏެވެ. ނަމަވެސް ދެމީހުން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުން، ދެމީހުންގެ ޝެޑިއުލްތަކުގެ ސަބަބުން އެކީގައި އުޅެވެން ނެތުމުން ވަކީވީ އެވެ.
ކިމް އޭނާގެ ކުންފުނީގެ މަސައްކަތްތަކާއި ދަރިން ބެލުމުގެ އިތުރުން ޝޯތަކުގައި ބައިވެރިވެ އުޅެ އެވެ. އަދި ޕީޓްގެ އެކްޓިން ކެރިއަރާ ގުޅިގެން އޭނާ ވެސް އުޅެން ޖެހެނީ ގިނަ ވަގުތު ދުރުގަ އެވެ. ދެމީހުންނަށް އެކަކު އަނެކަކަށް މިހާރު ވަގުތު ނުދެވޭތީ ގުޅުން ކަނޑާލަން ނިންމީ ކަމަށް ދެމީހުން ބުނެފައިވެ އެވެ.