ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން: ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުން މި ދުވަސްވަރު އިތުރުވަމުން ދާތީ އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރި -- ފޮޓޯ: އެޗްއާރްސީއެމް
11 އޯގަސްޓް 2022 - 19:37
ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުން މި ދުވަސްވަރު އިތުރުވަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރީ، ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އާލަމްގީރާއެކު، އެއްޖިންސުން ގުޅުން ހިންގާ ގިނަ އަދަދެއްގެ ވީޑިއޯތަކެއް މި ދުވަސްވަރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާތީ އެވެ.
އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެފަދަ ވީޑިއޯތައް އާންމުކުރުމަކީ ޖިނާއީ ކުށަކަށް ވުމުގެ އިތުރުން، ތުހުމަތު ކުރެވޭ މީހުން ކަމަށް ބުނެ އެކިއެކި މީސްމީހުންގެ ވަނަވަރު އާންމުކޮށް، ސޯޝަލް މީޑިއާގައި ދައުރު ކުރުމަކީ ބައެއްގެ އަބުރާއި ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އެހެންވެ، އެކަމުގެ ކަންބޮޑުވުން އެޗްއާރުސީއެމުން ފާޅުކުރި އެވެ.
އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން އަދުލު އިންސާފު ގާއިމު ކުރުމުގައި ވެސް ހުރަސްތަކަކާ ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވުމުގެ އިތުރުން، އެއީ އާއިލާތަކާއި މުޖުތަމައުގެ މެދުގައި ހަމަނުޖެހުމާއި ފިތުނަފަސާދަ އުފެދި، އާއިލާތައް ރޫޅި ދިއުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށް ބުންޏެވެ.
"... މިފަދަ ވީޑިއޯތައް އާންމުކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ކުޑަކުދިން ވެސް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމްތަކެއް ކަމަށް ވުމުން، އުމުރާ އެކަށީގެންނުވާ އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ދަނީ ހުށަހެޅުމުންނެވެ. އެހެންކަމުން މިއީ ރައްކާތެރިކަމާ އެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމުގައި ދެކެމެވެ،" އެ ބަޔާނުގައި ވެ އެވެ.
އެ ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ވީޑިއޯއެއް ނުވަތަ މައުލޫމާތެއް ލިބިފައިވާ ނަމަ ކަންކަން ބަލައި ތަހުގީގު ކުރުމުގެ ބާރު އޮތް އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށް، މައްސަލަތައް ތަހުގީގު ކުރުމަށާއި އަދުލު އިންސާފު ގާއިމު ކުރުމަށް އޮންނަ ނިޒާމުގެ ތެރެއިން އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެޗްއާރުސީއެމުން އިލްތިމާސްކުރި އެވެ.
އެ ވީޑިއޯތައް ދައުރު ކުރާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ހުއްޓުވަން ގާނޫނީ އޮނިގަނޑެއް އެކުލަވައިލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ސިއްރުން ރެކޯޑު ކޮށްފައި ވަނީ ބްލެކްމެއިލް ކުރަން ބޭނުން ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ލީކު ކުރަމުންދާ މީހުންނާއި އެކަމުގެ ފަހަތުގައި ތިބި މީހުން ފުލުހުން އަދި ހައްޔަރެއް ނުކުރެ އެވެ.
އާލަމްގީރާއެކު، އެއްޖިންސުން ގުޅުން ހިންގި ކަމަށް ވީޑިއޯތަކުން ފެންނަ ބައެއް މީސްމީހުންނަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބި މީހުންނެވެ. އެ މީސްމީހުންގެ މައުލޫމާތު އެ އިދާރާތަކަށް ދިނުމުން މިހާރު ވަނީ ވަޒީފާތަކުން ސަސްޕެންޑްކޮށްފަ އެވެ، އަދި ސިޔާސީ މީހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ މައްސަލާގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ފުލުސް އޮފިސަރަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވެސް ފުލުހުން ވަނީ މައްސަލައެއް ފޮނުވައިފަ އެވެ. އާލަމްގީރާއެކު އުޅެނިކޮށް ފެންނަ، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަށް ދައުވާ ކޮށްދޭން އަދި ފުލުހުން ނޭދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަދީ
14 August 2022
މިވެސް އުޅޭ ބައެއްތަ؟
ގައުމުގެ ދަރި
12 August 2022
މިޔޮށް ހުރިހާ ދުވަހަކު ނިދާފަތޯ ތިއްބެވީ. އަދި ކިރިޔާތޯ އެނގުނީ ވީޑިއޯ ނެރެގެން އުޅޭ ކަން. ޢަދި ދެތިން އަހަރު މަޑުކޮށްލާފަ ބަޔާނެއް ނެރެން ފެނޭ. މިޔޮތީ ވާ ގައުމެއް. ގައުމެއް ސުންނާފަތިވެ ހަލާކުވެދާނެ ހުރިހާ ކަމެއް މިގައުމަށް ވެ ނިމިއްޖެ. މުއަށްސަސާތައް އުފަށްދާފަ ހުންނަނީ ކަމެެއްވީމަ އެކަމެއް ހުއްޓުވާކަށް ނޫން ކަންނޭގެ. ކަމެއްވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް ދުރާލާ އެޅި، ރޭވި ޤާނޫނު ބަރާބަރަށް ފަންކްޝަން ކުރާނަމަ މިހާލަތައް ގައުމެއް ނުދާނެ.
ގިރިގިރި
12 August 2022
ފާހިޝް އަމަލުތައް ހިންގިއަސް އެޗްއަރުސީއެމްގެ މައްސަލައެއްނެތް. ވީޑިއޯ މައްސަލައަކީ ދޯ؟
ނާހިދު
11 August 2022
ހާތްތެރި. ނިދަ ނިދާފަ އެހޭލީ ލިވާތުކުރާ މީހުންގެ ހައްގުގަ
ކޮންސޮޅިބޭ
11 August 2022
ކުއްލިއަކަށް ހޭލެވިގެން ދެލޯއުގުޅަމުން ނިކުމެ ކަންބޮޑުމިވީ ބޭފުޅުން ތަކެއް އޮރިޔާންވެ ޒިނޭކޮށް އެއްޖިންސުން ގުޅުންހިންގާ ފިލްމުތަކެއް ފެނުނީމަ މިފާހިސްއަމަލު ހިންގާމީހުންގެ "އަބުރު" ގެއްލޭތީ. އެއްބަޔަކު އަނެއްބައެއްގެ ހައްގު ފޭރިގަންނައިރު، ދުވާލުގެ އަލިކަމުގެތެރޭން މަގުމަތިން މީހުން ތަޅާރޯނާ ގަންނަވާލާއިރު. މީހުން މަރާއިރު، މީހުން ކުދިކުދިކޮށް ކޮށާލާއިރު ބައެއްގެ ހައްގުގެއްލޭކަމެއް ނިކަމެއްތިވާކަމެއް ރޭކާނުލަނީބާ.
އީސަ
14 August 2022
ބޮޑުމުސާރަ ކައިގެން އަމިއްލަ ނަފްސު އިސްތިހާރު ކުރާ ބައިގަނޑެއް
ހެހޭ
11 August 2022
ހެޔޮ އެއްޗެއް ބުނުމުން އެބުނި ބަޔަކު ކުށްވެރިވަނީ. މީހަކު ގުޅާފަ އެފަދަ ވާހަކައެއް ދެއްކިއަސް މަށަށް ނުއިވޭ. އެއީ ހައްދުއަރާ ކުށެއް. އެނގޭބަޔަކު އެނގޭ އެއްޗެއް ކަމާބެހޭ ސަރުކާރުގެ އިދާރާއަށް އަންގަންވީ. ޢިލްމުވެރިންގެމެދު ތަފާތު ރައްޔުތައް އޮތް ޔޯގާއާދެކޮޅަށް ޝައިޚުން ނިކުންއިރު އެކަކުވެސް ދެބަސްނުވާ މިކުށް އަބުރުކަތިލުން ކުރިއަށްދާއިރު އެކަކުވެސް އެވާހަކަ ނުދައްކާ.
ޙިނި
11 August 2022
ފުލުހުންނާ ހޯމްމިނިސްޓުރީއައް އެވީޑިޔޯތައް ބަޔަކު ދިނީމަ އެމީހުންވެސް އެއްވެސް ފިޔަވަޅެއް ނާޅާ ތަހުގީގެއް ނުކޮއް އެބަލަންތިބީ. ތިޔަ ނަސޭހަތްތައް ގޮސް ހޯމްމިނިސްޓަރައް ކިޔާދީބަލަ
ވައަތުފުއްކިނބަ
11 August 2022
އަނެއްކާ ކަންބޮޑުވަނީ ނުކުންނަން ހުރި ވީޑިއޯ ތަކާއި މެދުބާ! ނޫނީ ޢިއްޒަތާއި ، ޤަދަރު ލިބިފައިވާ ބަޔަކު ގިރި ދޮށައް ދިޔައީތަ!
ސަރަފަކައްދަ
11 August 2022
ކަންބޮޑު ވާންވީ ކީއްވެގެން. އަނެއްކާ ތި ތަނުގެ މުޥައްޒަފުން ތަކެއް ގިރި ގާތަށް ދިޔައީތަ!
ދަތްނެތްކުއްޖާ
11 August 2022
ކަންބޮޑު ވާންޖެހޭ ސަބަބެއް ނެތް. އެކަން ކުރި ބަޔަކު ކަންބޮޑު ނުވާއިރު ތަމެން ކަންބޮޑު ވެގެން އުލެންޖެހޭ ސަބަބެއް ރައްޔިތުން ނަކަށް ނޭގޭ. އަނެއްކާ ތިކަމުގައި ތަމެންގެ ވެސް ބައިވެރި ވުމެއް އޮންނަނީބާ!
އެމަރިޔަނބު
12 August 2022
ހުންއަތުވެދާނެކަމަށް ރަޖާލަނީދޯ؟