އައްޑޫގެ ޓޫރިޒަމް ޒޯނުތަކުގައި ގެސްޓް ހައުސް އާއި ޓޫރިސްޓް ހޮޓާ ހިންގުމަށް 23 މީހަކަށް ކުލީ ބިންތައް ދޫކޮށް، އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
ބީލަން ކާމިޔާބުކުރި މީހުންނާއެކު، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ކައުންސިލުން ބުނީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރީ ހިތަދޫން ހަ ބިމަކާއި ފޭދޫން ދެ ބިމަކާއި ހުޅުދޫން އަށް ބިމެއް އަދި މީދޫން ހަތް ބިމެއް ކަމަށެވެ. ނަމަވެސް އެ ބިންތަކާ ގުޅޭ ތަފުސީލެއް އަދި އެ ކައުންސިލުން އާންމެއް ނުކުރެ އެވެ.
އެ ބިންތަކަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ އަހަރުގެ އެޕްރީލްގަ އެވެ.
އައްޑޫން މީގެ ކުރިން ވަނީ ޓޫރިޒަމަށް 3،000 އަކަފޫޓުގެ ފަސް ބިމަކާއި 5،000 އަކަފޫޓުގެ ބިމެއް އަދި 2،400 އަކަފޫޓުގެ ދެ ބިން ވެސް ދޫކޮށްފަ އެވެ.
އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު ހާއްސަ ކޮންސެޕްޓެއް ވެސް އެކުލަވާލައިފަ އެވެ. އައްޑޫގައި އަލަށް ތަރައްގީކުރަން ރާވާފައިވާ ރިސޯޓުތަކާއި ހޮޓާތަކާއި އަދި އަވަށްތަކުގެ ޓޫރިޒަމް ޒޯންތަކުގެ ޕްލޭން ވެސް އެ ކޮންސެޕްޓްގައި ހިމަނާފައިވެ އެވެ.