މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގާއި އަމީނީ މަގުގައި ވެސް ޕާކުކުރުން މަނާކުރަން ސަރުކާރުން ނިންމާފައިވާތީ، އެ ދެ މަގުގައި އިތުރު ޕާކިން ޒޯނުތަކެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖީދީ މަގުގައި އެއްކޮށް ޕާކުކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި މާލޭގެ އެންމެ ބޮޑެތި މަގުތަކުގެ ތެރޭގައި ހިމެނޭ ފަރީދީ މަގާއި އޯކިޑް މަގާއި އަމީނީ މަގުގައި ވެސް އެއްކޮށް ޕާކުކުރުން މަނާކުރަން ވަނީ ނިންމައިފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "މިހާރު" އަށް ވިދާޅުވީ އަމީނީ މަގުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އެއް ބައިގައި ހަދަމުން އަންނަ ޕާކިން ޒޯނު ހާއްސަ ކުރާނީ މިހާރު އެ ސަރަހައްދުގައި ޕާކު ކުރަމުން އަންނަ ވެހިކަލްތަކަށް ކަމަށެވެ.
ސްޓޭޑިއަމްގައި ކުޅިވަރު ކުޅެމުން އައި ސަރަހައްދުން އެއް ބައި ނަގައި އެ ތަނުގައި މިހާރު ވަނީ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލައިފަ އެވެ. އެކަމަކު އަދި ޕާކުކުރަން އެ ތަނުގައި ޕާކުކުރަން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
ނަރީޝް ވިދާޅުވިގޮތުގައި، އެހެން ސަރަހައްދުތަކުގައި ވެސް ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން މަޖީދީ މަގުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖީދީ މަގުގައި މުނި އުފާ ހުންނަ ސަރަހައްދާއި އަދިވެސް އިތުރު ބައެއް ތަންތަނުގައި ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މަޖީދީ މަގުގައި ކުރިއްސުރެ ވަނީ ބޮޑު ތިން ޕާކިން ސަރަހައްދެއް ހަދައިފަ އެވެ. އެއީ މާފަންނު ސަރަހާ ކައިރި އާއި ބިއްލޫރިޖެހިގެ ހިންގި އިމާރާތާ ޖެހިގެން އޮންނަ ހުސް ބިން އަދި ހީނާމާގެ ޕާކިން އެވެ. އަމީނީ މަގުން އެ ގޮތަށް ހަދާފައި ވަނީ ފުޑް ކޯޓް ސަރަހައްދާއި ފިނޭންސް މިނިސްޓްރީ ކައިރި އާއި ބިލަބޮންގް ސްކޫލު ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ހުސް ބިމުގައި ހަދާފައިވާ ޕާކިން ޒޯނާއި ކޭއެފްސީ ކައިރީގައި އޮންނަ ޕާކިން ޒޯނެވެ.
މީގެ ދެ ހަފުތާ ވަރު ކުރިން މުޅި މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށް، އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެންގުމަށް "ނޯ ޕާކިން" ކޯން ވަނީ ބަހައްޓައިފަ އެވެ. ހަމަ އެ ގޮތަށް އަމީނީ މަގުގައި ވެސް ޕާކްކުރުން މަނާކަން އަންގައި ފުލުހުން އަންނަނީ ކޯންތައް ބަހައްޓަމުންނެވެ.
މާލޭގައި އެންމެ ގިނަ އަދަދަކަށް ފިހާރަތައް ހުންނަ މަޖީދީ މަގުގައި ޕާކުކުރުން މަނާކުރުމުން މިހާރު ފެންނަނީ ކުދިކުދި ގޯޅިތަކުގެ ކަންކަން މަތީގައި ވެސް ސައިކަލުތައް ޕާކުކޮށްފައި ހުންނަ މަންޒަރެވެ. އަދި އެ މަގުގައި ވެހިކަލް ޕާކުކުރާނެ ތަނެއް ނެތުމުން ގިނަ ބަޔަކު ވިޔަފާރިކުރުމަށް ވަންނަނީ ފިހާރަތައް ކައިރީގައި ޕާކުކޮށްފަ އެވެ.
ވެހިކަލްތަކުން ތޮއްޖެހިފައިވާ މާލޭގެ ބޮޑެތި މަގުތަކުގައި ޕާކިން ޒޯނުތައް ނަހަދައި، އެ ތަންތަނުގައި ޕާކުކުރުން ސަރުކާރުން މަނާކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެެ.