އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރުގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި ލީޒް ޓްރަސް އޭނާގެ ކެބިނެޓް އިއްޔެ އިއުލާން ކުރައްވައި، ވެރިކަމުގެ ކަންތައް ފެއްޓެވުމަށް ތައްޔާރުވެވަޑައިގެންފި އެވެ.
ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިނގިރޭސި ރާނީ އެލިޒަބަތުއާ އިއްޔެ، ސްކޮޓްލެންޑްގައި ބައްދަލުކުރައްވައި އިސްތިއުފާ ހުށަހެޅުއްވުމުން، ރާނީ ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކުރައްވައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ކޮންޒަވޭޓިވް ޕާޓީގެ އާ ލީޑަރު ލީޒް ޓްރަސްއާ ރާނީ ބައްދަލުކުރައްވައި، ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރައްވައި، ސަރުކާރު އެކުލަވައިލެއްވުމުގެ ދައުވަތު ދެއްވި އެވެ.
ބޮޑުވަޒީރުގެ ނާއިބުގެ މަގާމަށާއި ސިއްހަތާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވީ، ބޮޑުވަޒީރު ލީޒްގެ ޒަމާންވީ އެކުވެރިޔާ ތްރީޒް ކޮފީ އެވެ. ސަރުކާރުގައި ތިން ވަނަ އަށް އެންމެ ބާރު ގަދަ މަގާމު ކަމަށްވާ މާލީ ވަޒީރު (ޗާންސެލާ އޮފް ދި އެކްސްޗެކާ)ގެ މަގާމަށް އައްޔަން ކުރެއްވީ ކްވާސީ ކްވާޓެންގް އެވެ.
އާ ޚާރިޖީ ވަޒީރުގެ މަގާމަށް ޖޭމްސް ކްލެވަލީ އައްޔަންކުރެއްވި އިރު، ދާޚިލީ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވީ ސުއެލާ ބްރޭވާމޭން އެވެ.
ބޮޑުވަޒީރު ލީޒްގެ ކެބިނެޓް އިއްޔެ އިއުލާން ކުރެއްވި އިރު، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް އޭނާއާ ވާދަ ކުރެއްވި ރިޝީ ސުނަކްއަށް، ޕާޓީގެ އިންތިޚާބުގައި ތާއީދު ކުރެއްވި އެއްވެސް ބޭފުޅަކު ނުހިމަނުއްވަ އެވެ. އެކަމާ ގުޅިގެން ފާޑުވިދާޅުވާ ބައެއް ބޭފުޅުން ވިދާޅުވަނީ، ލީޒްގެ ކެބިނެޓް އެކުލަވައިލެއްވި ގޮތުން، ބައިބައިވުން އުފެދިފައި އޮތް ކޮންޒަވޭޓިވް ޕާޓީ އެއްގަލަކަށް އެރުވުން ދަތިވާނެ ކަމަށެވެ.
ބޮޑުވަޒީރުގެ ހައިސިއްޔަތުން ބޭރު ގައުމެއްގެ ވެރިއަކަށް ކުރެއްވި ފުރަތަމަ ފޯން ކޯލް އިއްޔެ ކުރެއްވީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަށެވެ. ރައީސް ޒެލެންސްކީއާ އެކު ކުރެއްވި މަޝްވަރާތަކުގައި، ބޮޑުވަޒީރު ލީޒް ވަނީ، ރަޝިޔާގެ އުދުވާނާ ދެކޮޅަށް އިނގިރޭސި ވިލާތުން ޔޫކްރޭނަށް ކުރާ ތާއީދާއި ދެމުންދާ އެހީތެރިކަން އެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކު ވެސް ފޯނުން މަޝްވަރާ ކުރެއްވި އެވެ. ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ޔޫކްރޭން މައްސަލައިގެ އިތުރުން، ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމުގެ މައްސަލައިގައި ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.