ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރި ކޮމިޓީ މިއަދު ސިއްރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ޕޮލިސް ބޯޑާއެކު ވެސް ބައްދަލުވުން ބޭއްވި އެވެ. އެ ބައްދަލުވުން ވެސް ސިއްރުކުރުމުން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވަނީ މި ބައްދަލުވުން ވެސް ސިއްރުކުރަން ހުށަހަޅުއްވައިފަ އެވެ.

އެކަމަށް ތާއިދުކުރެއްވީ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނެވެ.

މާޗު 27، 2021 ގައި އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ގިނަ ގަވައިދުތަކެއް، ޕޮލިސް ކޮމިޝަނަރުގެ ލަފާގެ މަތިން މިނިސްޓަރު ހަދަންޖެހެ އެވެ. އޭގެ ތެރޭގައި؛

- ފުލުހުންގެ ސުލޫކީ މިންގަނޑު

- ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވައިދު

- ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު

- ޑިސިޕްލިނަރީ ކުށާއި އެ ކުށަށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވައދިު

- ހަތިޔާރު ހޯދުމާއި ލިބިގަތުމުގެ ގަވައިދު

- ފުލުހުންގެ ރިޓަޔަމަންޓް ގަވައިދު

އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގަވައިދުތައް ހަދައި ޝާއިއުކުރަންޖެހެ އެވެ. އެ މުއްދަތު، މި މަހަށް ހަމަވާއިރު، އޭގެ ތެރެއިން ގިނަ ގަވައިދުތަކެއް ވަނީ އާއްމުކޮށްފަ އެވެ.