ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފިޔަވައި އިތުރު އެއްވެސް ވަޒީފާއެއް ދެން އަދާކުރައްވަން ނެތް ކަމަށް ކުރީގެ ޑިފެންސް މިިނިސްޓަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ބޭނުންވާ ވަޒީފާއެއް ވެސް މި ގައުމަކު ނެތް. އެއްވެސް ވަޒީފާއެއް ސަރުކާރުގައި ބޭނުމެއް ނެތް. ރައްޔިތުން އަޅުގަނޑު ކައިރީގައި ވަލިއްޔުލްއަމްރުގެ މަގާމު އަދާކޮށްދޭށޭ ބުނެފިއްޔާ އެކަން ކުރާނަން. އެ ނޫނިއްޔާ އަޅުގަނޑު މި ގައުމުގައި ވަޒީފާއެއްގެ ގޮތަށް އަދާކުރާނެ އެއްވެސް ވަޒީފާއެއް ނެތް. އެއްވެސް ކަމެއް ނެތް،" ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ނާޒިމް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އޭނާގެ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް މިރޭ ފަށާއިރު، އެ ޕާޓީގެ ޓިކެޓުގައި ރައީސްކަމަށް ނުކުންނަ ބޭފުޅަކު ކަނޑައަޅާނީ ޕްރައިމަރީއަކުންތޯ ނުވަތަ ނޫންތޯ އެ ކޮންގްރެސްގައި ނިންމާނެ އެވެ. ޕާޓީގެ ޓިކެޓަށް އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފި ނަމަ ގޮތެއް ނިންމަން ޕްރައިމަރީއެއް ބާއްވަން އަސާސީ ގަވައިދުގައި ވަނީ ހިމަނައިފަ އެވެ. އެ އަށް އެ ކޮންގްރެސްގައި ގޮތެއް ކަނޑައަޅާނެ އެވެ.
ދަނގެތި ދާއިރާގެ މެމްބަރު ވިދާޅުވީ، ފެންނަ އަދަދުތަކަށް ބަލާއިރު އެމްއެންޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ވާނެ މަގު ފެނިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް ދެކެ ގިނަ ދިވެހިން މިހާރު ފޫހިވާ ކަމަށެވެ. ހާއްސަކޮށް އެ ދެ ޕާޓީ އަށް ވައުދުތައް ނުފުއްދުނުކަން ނާޒިމް ފާހަގަކުރެއްވި އެވެ.
"...އަޅުގަނޑުމެން މި އައީ ގައުމީ ފިކުރެއްގައި. ގައުމީ ކަންކަން ކުރަން. ފުދުންތެރި ދިވެއްސެއް އުފައްދަން. އަޅުގަނޑަށް ގަބޫލުކުރެވޭ މިހާރު ވޯޓާސް އަށް ބަލާއިރު ރަނގަޅު އަދަދެއްގެ ވޯޓާސް މި ޕާޓީ [އެމްއެންޕީ] އަށް އަޅުގަނޑުމެންނަށް ވެސް ލިބިދާނެ ކަމަށް،" ސިފައިންގެ ހިދުމަތުގައި ވިއްސަކަށް އަހަރު ހޭދަކުރެއްވި ނާޒިމް ވިދާޅުވި އެވެ.
"އެއީ ބަދަލެއް ބޭނުންވޭ. އަބަދު އެއްބަޔަކު ތޯ [ވެރިކަމުގައި] ތިބެން ޖެހެނީ؟ މި ގައުމު މި ކަމުން ސަލާމަތެއް ނުވި ނޫންތޯ؟ އަބަދު މި ތިބެނީ އެއްބައެއް. އެއް އާއިލާތަކެއް މި ތިބެނީ. ޒުވާނުންނަށް ފުރުސަތު ދޭންވީ ނޫންތޯ."
ނާޒިމް ވިދާޅުވީ، އޭނާ ފަދަ ބޭފުޅުންގެ އުމުރުން ވެސް 50 އަހަރު ވަނީ ކަމަށާއި ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.
...އަޅުގަނޑުމެން މި އައީ ގައުމީ ފިކުރެއްގައި. ގައުމީ ކަންކަން ކުރަން. ފުދުންތެރި ދިވެއްސެއް އުފައްދަން. އަޅުގަނޑަށް ގަބޫލުކުރެވޭ މިހާރު ވޯޓާސް އަށް ބަލާއިރު ރަނގަޅު އަދަދެއްގެ ވޯޓާސް މި ޕާޓީ [އެމްއެންޕީ] އަށް އަޅުގަނޑުމެންނަށް ވެސް ލިބިދާނެ ކަމަށް"--- ނާޒިމް
"އަޅުގަނޑުމެން މި ސިޔާސީ ހަރަކާތްތައް ފެށިގެން 16 ވަރަކަށް އަހަރު މިވީ، އެއް ބަޔަކު [މި އުޅެނީ]. އެއް ނަމެއް ކިޔަނީ. އަބަދު އެ މީހުންގެ ނަންތައް ކިޔަންވީތޯ؟ ކަމަކު ނުދޭ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވިގޮތުގައި، ޒުވާނުން ބޭނުންވާ ބަދަލެއް ގެނެވޭނީ ޒުވާނުންނަށް ފުރުސަތު ދީގެންނެވެ. އޭރުން ރާއްޖެ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީ އުފެއްދިއިރު އެންމެ ބޮޑަށް ބެލީ އެއީ ލީޑަރުންގެ ވަށައިގެން މެމްބަރުން އެނބުރޭ ޕާޓީއަކަށް ނުހެދުމަށް ކަމަށެވެ. އެހެންވެ، އެމްއެންޕީގެ ރައީސްގެ މަގާމު ދެ ދައުރަށް ވުރެ އިތުރަށް އެއްވެސް ބޭފުޅަކަށް އަދައެއް ނުކުރެވޭނެ ކަމަށް ގަވައިދުގައި ލިޔުނު ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ބަލާ އެމްޑީޕީގެ ލީޑަޝިޕް. ދުވަހަކު ވެސް ސަލާމަތް ނުވި ނޫންތޯ؟ އަބަދު އެއްބަޔަކު. ގަދަކަމުން ވެސް ޓިކެޓް އަތުލައިގެން އަނެއްކާވެސް [އަންނަނީ]. އަޅުގަނޑުމެން މި ދައްކަނީ ޑިމޮކްރެސީގެ ވާހަކަ. ޕީޕީއެމް އެ ފެންނަނީ ވަރަށް ހުދުމުހުތާރު ގޮތަކަށް. ޓިކެޓް ދަމައިގަނެގެން [ރައީސް ޔާމީން] މި ހުންނަވަނީ. ހަމަ އެ ގޮތަށް އެމްޑީޕީގައި އަދިވެސް އެ އުޅެނީ ކާކުތޯ ރައީސަކީ ނުނިންމިގެން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސްކަން ކުރައްވާ ގިނަ ބޭފުޅުންގެ ކުރައްވާ ކަމަކީ "މުޅިން ފައިދާ ހޯދުން" ކަމަށެވެ.