ބޭންކް އޮފް މޯލްޑިވްސްގައި ރަހުނުކޮށްގެން 34 މިލިއަން ރުފިޔާގެ ލޯނެއް ނަގައި، އެ ފައިސާ ނުދެއްކުމުން ގ. މޫނިމާގެ ވިއްކާލަން ބީއެމްއެލް އަށް ސިވިލް ކޯޓުން ހޯމަ ދުވަހު ހުއްދަ ދީފި އެވެ.
މަޝްހޫރު ޕީއާރު ކުންފުނި، ބިގް ކުންފުންޏަށް 2016 ގައި ބީއެމްއެލް އިން ދޫކޮށްފައި ވަނީ 34،350،000ރ. އެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބިގުން 30،191،475ރ. ދައްކަން ޖެހެ އެވެ.
ބިގަކީ، ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިިކޭޝަން ހެޑް، މ. ބޯގަންވިލާ ހަސަން އިސްމާއިލާއި ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ފޮޓޯގްރާފަރު މއ. ފަށުއި، މުހައްމަދު މުންޝިދުގެ ކުންފުންޏެކެވެ.
ބީއެމްއެލް އިން އެ ކުންފުންޏަށް ލޯނު ދީފައި ވަނީ ހަސަން އިސްމާއިލް އާއި މުހަންމަދު މުންޝިދާއި ބިގް ކުންފުނީގެ އިތުރުން މޫނިމާގޭ އަހުމަދު ޒަރީރު ޔަގީންކަން ދީގެންނެވެ.
އެހެންނަމަވެސް، އެ ލޯނު އެއްބަސްވުމާ އެއްގޮތަށް ބިގުން ފައިސާ ދައްކަމުން ނުދާތީ ބީއެމްއެލްއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ ކޯޓުން 2020 ގައި ވަނީ، މޫނިމާގެ ރަހުނު ކުރުމުގެ އެއްބަސްވުމުގެ ދަށުންނާއި ލޯނު އެއްބަސްވުމުގެ ދަށުން ބީއެމްއެލް އަށް ލިބިގެންވާ ހައްގުތައް ދެމިގެންދާނެ ކަމަށް ކަނޑައަޅައިފަ އެވެ.
އެހެންނަމަވެސް، އެ ފަހުން ވެސް ހުކުމާ އެއްގޮތަށް ބިގުން ފައިސާ ދައްކަމުން ގޮސްފައެއް ނުވެ އެވެ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ރަހުނު ވިއްކާލުމަށް އެދި ބީއެމްއިލް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ބީއެމްއެލްއިން ހުށަހެޅި އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް ނިންމަވާފައި ވަނީ، ރަހުނު ކުރި މޫނިމާގޭގެ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތައް ވިއްކާލުމަށް ބީއެމްއެލް އަށް ހަ މަސް ދުވަހުގެ ހުއްދައެއް ދިނުމަށެވެ. އެ މުދާ ވިއްކައިގެން ލޯނަށް ވާ ފައިސާ ހޯދުމަށް ފަހު ބާކީވާ ވަރެއް ކޯޓަށް އެންގުމަށް ވެސް ސިވިލް ކޯޓުން އަންގާފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ ބިޔަ ގޯތި، މޫނިމާގެ ބަހައިގެން ޒަރީރަށް ވީ ބައި ބިގުން މިހާރު އަންނަނީ ހަދަމުންނެވެ. ވިއްކާލަން އިއުލާން ވެސް ކޮށްފައިވަނީ އެ ބައެވެ.