މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުޅުމާލެ އިން ދޫކުރާ 1،000 ގޯއްޗާއި ގުޅިފަޅު ހިއްކައި އެ ސަރަހައްދުން ދޫކުރާ 2،000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 26 ގަ އެވެ.

ޕްލޭނިން މިނިސްޓްރީގެ "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދުމަށް ފުރަތަމަ ހުޅުވައިލީ ސެޕްޓެމްބަރު 26 ގެ ނިޔަލަށް ކަމަށް ވިޔަސް އެ މުއްދަތު ފަހުން ވަނީ އޮކްޓޫބަރު 15 ވަަނަ ދުވަހުގެ ރޭ 12:00 ގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްދީފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މުއްދަތު ހަމަވިއިރު 35،861 ފޯމެއް ހުށަހެޅި އެވެ. އޭގެ ތެރެއިން މާލެ އިން ހިލޭ ދޫކުރާ ބިންތަކަށް އެދި ފޯމު ލީ 15،164 މީހެކެވެ. ފްލެޓަށް އެދި ފޯމު ލީ މީހުންގެ އަދަދަކީ 20،697 މީހަކު ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އެއީ ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމަކާއި ދެ ކޮޓަރީގެ ފްލެޓަށް އެދި 6،208 ފޯމެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް އެދި 35،000 އަށް ވުރެ ގިނަ ބަޔަކު ފޯމު ހުށަހަޅާފައިވާއިރު ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ" ފްލެޓަށް އެދި ހުށަހެޅީ 22،000 އެއްހާ މީހުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރަން ފަށައި މި ސަރުކާރުގައި ދޫކުރާ ވިނަރެސް ފްލެޓު ގަތުމަށް އެދުނީ 1،413 މީހެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭ ސަރަހައްދުން 5،000 ގޯތި ދޫކުރާނެ އެވެ. އެހެންވެ، ބާކީ 2،000 ފްލެޓަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވާލާނެ އެވެ.

މާލެ އިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަނީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށް ވާތީ އެވެ.

އެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗެއްގެ އެންމެ ކުޑަ މިނަކީ 1،225 އަކަފޫޓެވެ. އެކަމަކު އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރުކުރެވޭ އެވެ.

ސަރުކާރުން މި ފަހަރު ފްލެޓް ދޫކުރަނީ މާލޭގެ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށްރަށުގެ މީހުންނަށް އެކަންޏެވެ.