ތޮއްޖެހުން ބޮޑު މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާން ހަދަމުން އަންނަ ކުޑަގިރީގައި ގަސް އިންދައި ފެހިކޮށް، ހިތްފަސޭހަ ޕިކްނިކް އައިލެންޑްގެ ގޮތުގައި އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ، އާއްމުން ޕިކްނިކް ދާން އެ ރަށް އަންނަ މަހު ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރިން ނިންމާފައި އޮތީ މި އަހަރުގެ މިނިވަންދުވަހާ ގުޅުވައިގެން އެތަން އާއްމުންނަށް ހުޅުވާލުމަށެވެ.
އެކަމަކު، ހިއްކައިގެން ތަރައްގީކުރި ރަށަކަށް ވާތީ، ގަސްތައް އިންދައި ރަށް ފެހިކުރުމަށާއި ވަސީލަތްތައް ފުރިހަމަކުރަން ވަގުތު ބޭނުންވީ އެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވާނީ ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކްދާނެ ރަށެއް ހަމަޖައްސައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. ފުރަތަމަ ހާއްސަކުރީ އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދެކެވެ. ގާތްގަނޑަކަށް 3.3 ހެކްޓަރުގެ އެތަން ބޭނުންކުރަން ނިންމިއަސް ފަހުން ސަރުކާރުގެ ނިންމުމަކަށް ވީ ކުޑަގިރި ތަރައްގީ ކުރުމެވެ.
މާލެ އާއި 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.
އެ ރަށުގައި މިސްކިތަކާއި އާއްމުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތައް ވެސް ވަނީ ހަދައިފަ އެވެ. ގާތްގަނޑަކަށް 41 މިލިއަން ހޭދަކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގައި ކަރަންޓާއި ފެނުގެ ހިދުމަތް ވެސް މިހާރު ވަނީ ނިމފަ އެވެ.
މާލެ ސަރަހައްދުން ދަތުރުދާ ރަށެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ކުޑަބަނޑޮހެވެ. ނަމަވެސް ފަހުން ސަރުކާރުން އެތަން ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކޮށްފަ އެވެ.