މަގާމާ ހަވާލުވެ ވަޑައިގަތްތާ ދެ މަސް ނުވަނީސް، އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުމާ އެކު، އޭނާ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި ލިޒް މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލާގައި ފާޑުކިޔުން ބޮޑުވެ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ފެށުމުންނެވެ.
އިސްތިއުފާ އިއުލާން ކުރައްވަމުން ލިޒް ވިދާޅުވީ އޭނާ ވެވަޑައިގަތް ވައުދުތައް ނުފުއްދޭތީ އޭނާ ނިސްބަތްވާ ކޮންޒަވޭޓިވް ޕާޓީގެ އިތުބާރު ގެއްލިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ އިސްތިއުފާ ދެއްވަން ނިންމެވިކަން އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނައަށް ދަންނަވާފައިވާ ކަމަށް ލިޒް ވިދާޅުވި އެވެ.
އެކަމަކު އަންނަ ހަފުތާގައި ކޮންޒަވޭޓިވް ޕާޓީން އާ ބޮޑުވަޒީރަކު ކަނޑައަޅަންދެން ލިޒް އެ މަގާމުގައި ދެމި ހުންނަވާނެ އެވެ.
ލިޒް މަގާމުން އިސްތިއުފާ ދެއްވުމާ އެކު، އޭނާ ވެގެންދާނީ އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގައި އެންމެ ކުރު މުއްދަތަކަށް ހުންނެވި ބޭފުޅާއަށެވެ. އޭނާއަކީ އެންމެ ފަހުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި އޭގެކުރިން ޑޭވިޑް ކެމަރަންގެ ސަރުކާރުގައި ވެސް ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.