އާޓުން ޖަޒުބާތުތައް ތިލަކޮށްދެ އެވެ. ފަސްލެވި ފޮރުވިފައިވާ އިހުސާސްތަކަށް ދިރުން ގެނުވަ އެވެ. ކުޅަދާނަ ފަންނުވެރިޔާ އަހުމަދު އަޒްމީ، އާޓް ގެލެރީގައި ބަހައްޓާފައިވާ ސޯލޯ މައުރަޒުން މި ދެކަމަށް ވެސް އިންސާފުކުރެ އެވެ.
"ސްކަލްޕްޗާ އާޓް" މީޑިއަމްގެ 12 ކެންވަސް ބަހައްޓާފައިވާ އެ މައުރަޒަކީ ހަތަރު ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ބާޗީ ގެންނަ އޭނާގެ ފުރަތަމަ ސޯލޯ މައުރަޒެވެ. ނަމަވެސް މިދިޔަ އަހަރުތަކުގައި ތަފާތު އެގްޒިބިޝަންތަކުގައި އެހެން އާޓިސްޓުންނާ އެކު އޭނާގެ ފަންނު ދައްކާލާފައިވެ އެވެ.
ބާޗީ އަކީ އާޓްގެ އެކި މީޑިއަމްތަކުން އޭނާގެ އުފެއްދުންތައް ގެންނަން މަސައްކަތްކުރާ އާޓިސްޓެކެވެ. "ހުދު" އަކީ މިފަދަ މަސައްކަތެކެވެ.
"ހުދު ހާއްސަވަނީ ހަމައެކަނި މާނަ ފުން ކުލައަކަށް ވާތީ އެކަންޏެއް ނޫން. މި ސްޓައިލްގެ އެންމެ ހާއްސަ އެއް ކަމަކީ، ކެންވަސްއަށް އަޅުވާ އަލިން ކިޔައިދޭ މާނައަށް ނުފޫޒުފޯރުވާ ގޮތް. މިސާލަކަށް އަލި އަޅުވާ ގޮތަކުން ވަރަށް ސުލްހަވެރިކޮށް ފެންނަން އިންނަ ކުރެހުން އެބަ ބަދަލުކޮށްލާ ބިރުވެރި މާނައެއް ދޭ ކުރެހުމަކަށް ވެސް،" ބާޗީ އޮޅުންފިލުވައިދިނެވެ.
"ހުދު" ކުލައިން ރަމްޒުކޮށްދެނީ ސާފުކަމެވެ. އެ ކުލައިން ގެނެސްދީފައި ވަނީ ކޮންމެވެސް އިރަކު ކޮންމެވެސް މީހަކު ތަޖުރިބާކޮށްފައިވާ ވަގުތުކޮޅެކެވެ. ނުވަތަ ވަގުތުކޮޅެއްގެ އިހުސާސެކެވެ.
މިސާލަކަށް، ސިޒޭރިއަންގެ ކެފުމަކުން ދަށްބަނޑުގައި ލަކުނު ލާފައިވާ އަންހެނެއް ދައްކުވައިދޭ ކެންވަސް އެއް ބަހައްޓާފައިވެ އެވެ. އަންހެންމީހާގެ އަތް ބަނޑުމަތީގައި ބާއްވާލާފައިވެ އެވެ. އަތުގެ ހިޔަނި ބަނޑަށް އެޅިފައި ހުންނަ އިރު، އެއީ އެ ލަކުނުން ގެނުވި އެތައް އިހުސާސެއް ހަނދާންކުރަން ހުރި މީހެއް ހެން ވެސް ހީވެ އެވެ.
ކުރެހުމުގެ މާނައަށް ނުފޫޒު ފޯރުވުމަށް ޝޭޑުތަކުގެ ކުލަ ބޭނުންކޮށްފައި ނެތުމުން، މިއިން ކޮންމެ އާޓްޕީސް އަކުން އެކި މީހުންނަށް ގެނުވާނީ އެކި އިހުސާސްތަކެވެ.
ބާޗީ ބުނީ، 12 ކުރެހުން ތައްޔާރުކުރަން ތިން ހަފުތާ ހޭދަވި ކަމަށެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 12 ގަޑިއިރު މަސައްކަތްކޮށްގެން ނެރެވުނު ހުރިހާ އާޓް ޕީސްއަކުން ވެސް އޭނާ ދެނީ އަގުހުރި މާނަ ފުން މެސެޖެކެވެ.
"ކޮންމެ މީހަކާ ވެސް ކޮންމެވެސް އެއްގޮތުން ގުޅޭ މެސެޖުތަކެއް ދޭން މަސައްކަތްކޮށްފައިމިވަނީ."