"ލަކްސް ސައުތު އަރި އެޓޯލް" ރިސޯޓަށް ފާހަގަކޮށްލެވޭ ގިނަ އެވޯޑުތަކެއް މި މަހު ލިބިއްޖެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަވަނަ ސައުތު އޭޝިއަން ޓްރެވެލް އެވޯޑު (ސަޓާާ) އާއީ، މި އަހަރުގެ ރީޑާސް ޗޮއިސް އެވޯޑާއި، ޓްރެވެލާސް ޗޮއިސް އެވޯޑުގެ އިތުރުން "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" ގައި ލިބުނު އެވޯޑުތަކެވެ.
ސަޓާގައި އެ ރިސޯޓަށް ދެ އެވޯޑެއް ލިބިފައިވެ އެވެ. އެއީ "ލީޑިން ލަގްޝަރީ ރިސޯޓް" އެވޯޑާއި "ލީޑިން އިކޯ-ފްރެންޑްލީ ރިސޯޓް" އެވޯޑެވެ. އެ ދެ އެވޯޑާއެކު ރާއްޖެ އަށް ޖުމްލަ 31 އެވޯޑެއް މި އަހަރުގެ ސަޓާގައި ލިބުުނެވެ.
މި އަހަރުގެ ރީޑާސް ޗޮއިސް އެވޯޑުގައި ލަކްސް ސައުތު އަރި އެޓޯލް ރިސޯޓު ވަނީ އިންޑިއާ ކަނޑުގައި އޮތް ދުނިޔޭގެ އެންމެ ފުރިހަމަ މަންޒިލްތަކުގެ ތެރޭގައި ހިމެނިފަ އެވެ.
އޭގެ އިތުރުން، ފުރިހަމަ ރޭޓިންއާއެކު ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ އެންމެ ފުރިހަމަ ރިސޯޓުތަކުގެ ކުރީ ސަފުން ޖާގަ ހޯދައި، އެ ރިސޯޓަށް ވަނީ "ޓްރިޕް އެޑްވައިޒާ" އިން މި އަހަރު ދިން "ޓްރެވެލާސް ޗޮއިސް އެވޯޑު" ވެސް ލިބިފަ އެވެ.
މި މަހު ދަރުބާރުގޭގައި ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުން އެ ރިސޯޓުގެ ޝެފުންގެ ޓީމަށް ވަނީ 9 އެވޯޑެއް ލިބިފަ އެވެ. އޭގެ ތެރޭގައި، ރަން މެޑަލްއަކާއި، ހަތަރު ރިހި މެޑަލް އަދި ފަސް ބްރޯންޒް މެޑަލް ހިމެނެ އެވެ.
އދ. ދިއްދޫ ފިނޮޅުގައި ހިންގަމުން އަންނަ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓަކީ ރާއްޖޭގައި މަގްބޫލު ފަސް ތަރީގެ ލަގްޒަރީ ރިސޯޓެކެވެ.