ރިސޯޓު ކުލީގެ މުއްދަތު އިތުރު ކޮށްގެން މިދިޔަ އަހަރު ދައުލަތަށް 994 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާ އިން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައި ވަނީ އޭގެ ކުރީ އަހަރަށް ވުރެ 30 ޕަސެންޓު އިތުރު އަދަދެކެވެ. ރިސޯޓުތަކުގެ މުއްދަތު އިތުރުކޮށްގެން އޭގެ ކުރީ އަހަރު ލިބުނީ 307 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން މުއްދަތު އިތުރު ކުރުމަށް އަވަހަށް ފައިސާ ދެއްކުމުން ރިސޯޓުތަކަށް ބޮޑު ލުއިތަކެއް ލިބެ އެވެ. އެހެންވެ، މިއީ އެކަމުގެ ސަބަބުން އައި ބަދަލެއް އައި ކަމަށް ބެލެވެ އެވެ.

އެ އިސްލާހުގައިވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ދިނުމަށް ފަހު، އެ އަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ތަނުގެ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރާ ނަމަ އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެ މުއްދަތު 20 އަހަރަށް އިތުރުކުރާ ނަމަ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު އެއް ފަހަރާ ދައްކަން ޖެހޭނެ އެވެ

ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފަށާތާ ހަ މަސް ފަހުން 49 އަހަރަށް މުއްދަތު އިތުރު ކުރެވޭނީ ފީއެއްގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދެއްކުމުންނެވެ.

ގާނޫނުގައި ކުރިން އޮންނަ ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން ޖެހެނީ އެއް ލައްކަ ޑޮލަރެވެ. އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ. އަދި ހަ މަހަށް ވުރެ ދިގު މުއްދަތަކުން އެ ފައިސާ ދައްކާ ނަމަ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރުގެ ރޭޓުން ފީއެއް ދައްކަން ޖެހެ އެވެ.

ރިސޯޓު ލީޒް މުއްދަތު އިތުރު ކުރުމުން ލިބުނު އާމްދަނީއަކީ މިދިޔަ އަހަރު ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީގެ ތިން ޕަސެންޓެވެ. 

މިދިޔަ އަހަރު ދައުލަތަށް 26 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން 1.1 ބިލިއަން ލިބުނީ ޑޮލަރުންނެވެ.