މަޝްހޫރުކަން ހޯދާފައިވާ ސުޕަ ސްޓާ ޕްރިޔަންކާ ޗޮޕްރާ ތިން އަހަރަށް ފަހު އިއްޔެ އިންޑިއާ އަށް ހިނގައްޖެ އެވެ.
އޭނާ ދުވަސްތަކަކަށް ފަހު އެނބުރި އަމިއްލަ ގައުމަށް ދިއުމުން އެތައް ބަޔަކު އެއާޕޯޓުން މަރުހަބާ ކިޔާފައި ވެ އެވެ.
ވޭތުވެދިޔަ ތިން އަހަރު ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އުޅެމުން އައީ ލޮސް އެންޖެލިސްގައި ހުންނަ އެ މީހުންގެ އަމިއްލަ ގޭގަ އެވެ.
އިންޑިއާ އަށް ދިއުމުގެ ކުރިން، ޕްރިޔަންކާ ވަނީ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ. އިންސްޓަގްރާމަށް އޭނާ ޕޯސްޓު ކޮށްފައިވާ ފޮޓޯގައި ފެންނަނީ ބަންޑާރަސްގެ މޫދު ފެންނަ ހެން ނަގާފައިވާ ހިތްގައިމު ފޮޓޯތަކެކެވެ. ފޮޓޯގެ ކެޕްޝަންގައި ޖަހާފައި ވަނީ "ހޯމް/ ލުކިން ފޯވާޑް ޓު ނެކްސްޓް ފިއު ޑޭސް" އެވެ.
އިންސްޓަގްރާމަށް ފޮޓޯ ޕޯސްޓު ކުރުމާއެކު އެންމެ ފުރަތަމަ އޭނާގެ ޕޯސްޓަށް ހާޓް ރިއެކްޓް ކުރީ ފިރިމީހާ ނިކް އެވެ. އެ ޕޯސްޓަށް ގިނަބަޔަކު ތައުރީފުގެ ކޮމެންޓުކޮށް މަރުހަބާ ކިޔެވެ.
ޕްރިޔަންކާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ދެން އޮތީ ޕްރައިމް ވީޑިއޯ އިން އުފައްދާ "ސިޓަޑެލް" ކިޔާ ސީރީޒް އެވެ. ފިލްމް ޖީލޭ ޒަރާގެ މަސައްކަތް ވެސް އޮތީ ކުރިއަށެވެ. އެ ހުރިހާ ފިލްމެއް ވެސް ރިލީޒް ކުރުން އޮތީ އަންނަ އަހަރު އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނުނީ ނެޓްފްލިކްސްގެ "ވައިޓް ޓައިގާ" އިންނެވެ.