އުރީދޫން މި މަހުގެ 25 ގައި ބާއްވާ ފޯރިގަދަ މެރަތަން "ފަން ރަން" ގައި ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެއީ ކުރިން ބާއްވަމުން އައި "އުރީދޫ ކަލަރަން" ގެ ނަން ބަދަލުކޮށް، އިތުރު ބަދަލުތަކަކާއެކު ބާއްވާ ފުރަތަމަ ދުވުމެވެ.
މި ފަހަރުގެ މެރަތަންގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. ގިނަ ހަރަކާތްތަކަކާ އެކު ބާއްވާ އެ މެރަތަންގައި އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް މި މަހުގެ 15 ގެ ނިޔަލަށް ރަޖިސްޓަރީ ވެވޭނެ އެވެ.
"ފަން ރަން" އަކީ އަލަށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭނެ ފަސް ކިލޯމީޓަރުގެ ކުރު ދުވުމެކެވެ. އެ ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެވެ.
އުރީދޫން ބުނިގޮތުގައި "ފަން ރަން" ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
އެއީ ވަކި ވަގުތެއްގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ އާއި ދުވަމުން ނުވަތަ ނަށަމުން ވެސް ދުވުން ނިންމި ދާނެ އެވެ.