މީގެ ކުރިން ބޭއްވި ފީފާ ވޯލްޑް ކަޕްގެ މުބާރާތްތަކުގައި، ސްޓޭޑިއަމްތަކުގައި ބިޔާރާއި ބަނގުރާތަށި ހިފައިގެން ތިބޭ މަންޒަރު ވަގުތުން ދައްކާ މެޗުތަކުގައި ޓީވީން ވެސް ވަނީ ފެނިފަ އެވެ. އަދި ނިވާކަން ކުޑަ ހެނދުން އެޅުމާއި ކައިވެނީގެ ނަމުގައި އެއް ޖިންސުން ގުޅުން ހިންގުމުގެ އަމަލުތައް ޕްރަމޯޓް ކުރުމަށް ބޭނުން ކުރާ ޝިއާރުތައް ވެސް ސްޓޭޑިއަމްތަކުގައި ބޭނުން ކުރެ އެވެ.
އެކަމަކު މާދަމާ ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި، މިހުރިހާ ކަމެއް ގާނޫނުން ވަނީ މަނާކޮށްފަ އެވެ. ސްޓޭޑިއަމްތަކުގަޔާއި ސްޓޭޑިއަމް ބޭރުގައި ބަނގުރަލާއި ބަނގުރާ ވިއްކުން އަދި ބޭނުން ކުރުން ގާނޫނުން ވަނީ މަނާކޮށްފަ އެވެ. ބިކިނީގައި އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ކައިވެނީގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުން ހައްގެއް ކަމުގައި ބަލައިގެންފައިވާ ގައުމުތަކުގެ ގައުމީ ޓީމުތަކަށާއި ސަޕޯޓަރުންނަށް ވެސް ވަނީ އެކަމަށް އަޑު އުފުލައި އުޅުން މަނާކޮށްފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް ގަތަރުން ބުނީ، މެޗުގެ ޓީކެޓް އޮތް ކޮންމެ މީހަކަށް ބިޔަރު ލިބެން ހުންނާނެ ކަމަށެވެ.
ގަތަރު ވޯލްޑް ކަޕް އޮގަނައިޒިން ޓީމުގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަނގުރަލާއި ބިޔަރުގެ ބާވަތްތައް ވެސް ވަނީ ސްޓޭޑިއަމް ބޭރުގައި ވެސް އަދި އެތެރޭގައި ވެސް މަނާ ކޮށްފަ އެވެ.
ވޯލްޑް ކަޕް ސްޓޭޑިއަމްތައް އަލްކަހޯލް ފްރީ ސްޓޭޑިއަމްތަކަށް ގަތަރުން ހެދުމުން، އެ ގައުމަށް އޮތް ތައުރީފް ވެސް ބޮޑެވެ. އަދި ހަމައެޔާއެކު ފާޑު ކިޔުން ވެސް އެބައޮތެވެ. އެކަމަކު ގަތަރުގެ އޮފިޝަލުން ބުނާ ގޮތުގައި އެ ގައުމުން ތިބީ ފާޑު ކިޔުންތަކަށް ދޫދޭ ގޮތަކަށް ނޫނެވެ.
ގަތަރުގެ އުސޫލުތަކަށް މީޑީއާތަކާއި އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ވަނީ ގަތަރުގެ އިސްލާމީ ސަގަފަތާއި އެގައުމުގެ ގާނޫނުތައް އޮޅުން ފިލުވައިދޭން މަސައްކަތް ކޮށްފަ އެވެ. ތަފްސީލީ ގޮތެއްގައި ގެނެސް ދީފައިވާ އެ ލިޔުން ދުނިޔޭގެ ގިނަ މީޑިއާތަކުގައި ޝާއިއު ކުރި އެވެ.
ގަތަރުން އެޅީ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ގައުމުތަކުގެ ޖޯޒީގައިވާ ނިޝާންތައް ބޭނުމެއް ނުކުރެވޭނެ އެވެ. އެގޮތުން އެމެރިކާގެ ގައުމީ ޖޯޒީގައި އެއްޖިންސުން ގުޅުން ހިނގުމަކީ ހައްގެއް ކަމަށް ޕްރަމޯޓް ކުރުމަށް ބޭނުން ކުރާ ނިޝާން މެޗުތަކުގައި ބޭނުން ނުކުރާނެ އެވެ.
ގަތަރުގެ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރުމަށް، ފީފާއިން ވެސް ވަނީ ގައުމީ ޓީމުތަކަށް އިލްތިމާސް ކޮށްފަ އެވެ.