ދޯހާ (ނޮވެމްބަރު 20) - ނޮވެމްބަރު 2010 ގައި ގަތަރަށް ވޯލްޑް ކަޕް ބިޑް ހަވާލު ކުރިއިރު އެ ގައުމުގައި ފުޓްބޯޅައިގެ އެއް ވެސް ކަމެއް ނެތެވެ. އޭޝިއާގައި ވެސް ފުޓްބޯޅައިގައި މާ ބޮޑު ބާރެއް ނޫނެވެ. އެންމެ ސްޓޭޑިއަމެއް ފިޔަވައި ފުޓްބޯޅައިގެ ވަސީލަތެއް ވެސް ނެތެވެ.
އެކަމަކު އޭގެ 12 އަހަރު ފަހުން، މިރޭ ގަތަރަށް ނަޒަރު ހިންގާއިރު ފުޓްބޯޅައިގައި އެގައުމުގައި ހުރި ވަސީލަތްތަކާ އެއްވަރުގެ އެހެން ވަސީލަތްތަކެއް ހުރި ދެވަނަ ގައުމެއް ނެތް ކަމަށް ވެސް ބުނެވިދާނެ އެވެ.
މުޅި ދުނިޔޭގެ ފާޑު ކިޔުންތަކުގެ ތެރެއިން، ގަތަރުން ވޯލްޑް ކަޕަށް ހާއްސަކޮށް ހިނގައިފައި އޮތް ބޮޑު މަޝްރޫ އަށް 300 ބިލިއަން ޑޮލަރު ހޭދަވެ އެވެ.
ގަތަރުން ކުރި ހޭދައިގެން އެންމެ ބޮޑު ޕަސަންޓެއް ހޭދަ ކޮށްފައި ވަނީ އެ ގައުމުން މުޅިން އަލަށް ތަރައްގީ ކުރި ލުސައިލް ސިޓީ އަށެވެ. އެ ސިޓީަށް 48 ބިލިއަން ޑޮލަރު ހޭދަ ކުރި އެވެ.
ދޯހާގެ އުތުރުން އޮތް ލުސައިލް ސިޓީ އަކީ މީގެ 12 އަހަރު ކުރިން ނެތް ތަނެކެވެ. ފުން ފަޅުގެ ތެރެއިން 38 ކިލޯމީޓަރު ހިއްކައިގެން ކިލޯ މީޓަރުގެ މި ބޮޑު ސިޓީ އަކީ އެތައް ހާއްސަ ބަޔަކަށް މި މުބާރާތުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދޭނޭ ވޯލްޑް ކަޕްގެ މައި ސިޓީ އެވެ. މުޅިން އަލަށް ހެދި 22 ހޮޓެލް ލުސައިލްގައި އެބަ ހުއްޓެވެ. އަދި ގޮލްފް ކޯޒްތަކާއި ތީމް ޕާކުތައް އެބަހުއްޓެވެ. މި ސިތީގައި ބާކީ ހުރި ސަރަހައްދު ހާއްސަކޮށްފައި ވަނީ އާންމުން ދިރިއުޅުމަށާއި ވިޔަފާރި ބޭނުންތަކަށެވެ.
އެންމެ ކުޑަ ގައުމުގައި އެންމެ އަގުބޮޑު ވޯލްޑް ކަޕް
ގަތަރުގެ ކުރިން ވޯލްޑް ކަޕް ބޭއްވި އެންމެ ކުޑަ ގައުމަކީ 1954 ގައި ސްވިޒަލެންޑްގަ އެވެ. ގަތަރަކީ މުބާރާތް ބާއްވާ އެންމެ ކުޑަ ގައުމެވެ. އެންމެ ސްޓޭޑިއަމެއް ހުރި ގަތަރުން މުބާރާތަށް މުޅިން އަލަށް ހެދި ހަތް ސްޓޭޑިއަމް އިމާރާތް ކުރުމަށް 6.5 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑު ބައެއް މަރާމާތު ކުރި ސްޓޭޑިއަމް ވެސް ހިމެނެ އެވެ.
ދަތުރު ފަތުރުގެ ވަސީލަތްތައް ގާއިމު ކުރުމަށް 36 ބިލިއަން ޑޮލަރު ހޭދަ ކުރި އެވެ. އަލަށް ހެދި އެއާ ޕޯޓާއި މަގުތަކާއި އުސް އިމާރާތްތައް ހަދަން އެއް ބިލިއަން ޑޮލަރު ހޭދަ ކުރި އެވެ.
މުބާރާތުގެ އެންމެ ބޮޑު ސްޓޭޑިއަމް، ލުސައިލް ސްޓޭޑިއަމަކީ 80،000 މީހުންގެ ޖާގައިގެ ބޮޑު ސްޓޭޑިއަމެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ މެޗު ކުޅެން ހަމަޖެހިފައިވާ އަލް ބައިތު ސްޓޭޑިއަމް 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.
ވޯލްޑް ކަޕް މިހާތަނަށް ބާއްވާ އެންމެ ހޫނު ގަދަ ގައުމަކީ ގަތަރެވެ. އެހެންވެ ސްޓޭޑިއަމްތައް އިމާރާތްކޮށްފައި ވަނީ މުޅި ސްޓޭޑިއަމްގައި އެއާ ކޮންޑިޝަން ހަރުކޮށްގެންނެވެ. އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ގަތަރާއި އިކުއެޑޯ ކުޅޭ މެޗުން ވޯލްޑް ފަށާނެ އެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން 9 ޖަހާއިރު އެވެ.