ފުލުހުންނަށް ދޭ އެލަވަންސްތަކަށް ބޮޑެތި ބަދަލުތަކެއް، ހުރިހާ ފުލުހުންނަށް ލިވިން އެލަވަންސް ދެނީ

ފުލުހުންނަށް ދޭ އެލަވަންސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރިން ދެމުން އައި ބައެއް އެލަވަންސްތައް އެއްކޮށްލައިގެން ހުރިހާ ފުލުހުންނަށް ލިވިންސް އެލަވަންސް ދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިން ދެމުން އަައި ބައެއް އެލަވަންސްތައް މުރާޖައާކޮށް، އަދި ހައުސިން އެލަވަންސް އާއި ޔުނިފޯމް އެލަވަންސް އަދި ފެރީ އެލަވަންސް އެއްކޮށްލައިގެން ލިވިން އެލަވަންސްގެ ގޮތުގައި ހުރިހާ ފުލުހުންނަށް ދޭން ނިންމާފައިވާ ކަމަށެވެ.

"އަލަށް މިގެނައި ބަދަލާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަ އެލަވަންސްތަކެއް ލިބޭނެ. އަދި އަލަށް އެކުލަވާލި ލިވިން އެލަވަންސަކީ ކުރިން ދެމުން އައި ހައުސިން އެލަވަންސަށް ވުރެ ބޮޑު އެލަވަންސެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލަވަންސްތަކަށް ބަދަލު ގެނައީ މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ކަމަށެވެ. އަދި އެ އެލަވަންސްތައް ދޭން ފެށުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"އެލަވަންސްތައް ހަމަޖެހިފައިވާ ގޮތުން ލިވިން އެލަވަންސް ފިޔަވައި އެހެން އެލަވަންސްތައް ލިބޭނީ އެ މީހަކު ކުރާ މަސައްކަތަށާއި ކުރަން ޖެހޭ ތަނަށް ބަލާފައި. އެގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށާއި މާލޭގައި ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިބޭ އެލަވަންސްތަކެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެލަވަންސް އޮނިގަނޑަށް ބަދަލު ގެނައީ އެއް ކަހަލަ މަސައްކަތްކުރާ ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުސާރަ އާއި އެލަވަންސްތަކަށް ވުރެ ފުލުހުންގެ އެލަވަންސްތައް ކުޑަކަމަށް ފެންނާތީ ކަމަށެވެ.