އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމަށް މަރުދޭ ސަޕޯޓަރުން ތިބޭ ބަންގްލަދޭޝްގައި، އެ ގައުމުން ޖޫން މަހު އެކުވެރިކަމުގެ މެޗެއް ކުޅެން ރާވަމުން އަންނަ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވެއްޖެ އެވެ.
ގަތަރުގައި ދާދި ފަހުން ނިމުނު ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމަށް ބަންގްލަދޭޝް ރައްޔިތުން ދިން ސަޕޯޓުގެ ވާހަކަ ދުނިޔޭގެ ނޫސްތަކަށް އަރައި، އެ ވާހަކަ އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކޮލޯނީއާ ހަމައަށް ވެސް ފޯރި އެވެ.
ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިގެން ހުރި އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީ އަދި އަހަރެއްހާ ދުވަހު ގައުމީ ޓީމަށް ކުޅެން މިހާރު ނިންމާފައިވާތީ އޭނާ މި މެޗުގައި ބައިވެރިވާނެ އެވެ.
ބަންގްލަދޭޝް އަށް އާޖެންޓީނާ ގެނައުމުގެ ވާހަކަތައް ދެކެވުނީ ވޯލްޑް ކަޕުގެ ތެރޭގަ އެވެ. އަދި އެ މުބާރާތަށް ފަހު އެ ވާހަކަތައް ރަސްމީކޮށް ދެކެވި މިހާރު އޮތީ އެކަން ގާތްގަނޑަކަށް ހަމަޖެހިފަ އެވެ.
އާޖެންޓީނާ އިން 2011 ވަނަ އަހަރު ވެސް ބަންގްލަދޭޝްގައި ނައިޖީރިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުނެވެ.
ސަލާހުއްދީން ވިދާޅުވީ އާޖެންޓީނާ އިން އަންނަން ބޭނުންވަނީ ޖޫން މަހު ފީފާގެ ތާރީހެއްގައި ކަމަށާއި މިހާރު ހުރީ ހަމައެކަނި އެއްބަސްވެލަން ޖެހޭ ބައެއް ކަންކަން ކަމަށެވެ.
"އެ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިއްޔާ އަހަރެމެންނަށް ބުނެވިދާނެ އާޖެންޓީނާ އަންނާނެޔޭ ބަންގްލަދޭޝް އަށް،" އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި އާޖެންޓީނާ އިން އެކުވެރިކަމުގެ މެޗު ކުޅޭނީ ކޮން ޓީމަކާ އެކު ކަމެއް އަދި ނުނިމެ އެވެ. އެކަން ފައިނަލް ވާނީ އާޖެންޓީނާ އިން ގައުމުތަކެއް ޝޯޓްލިސްޓްކޮށްފައި ދިނުމުންނެވެ.
މި މެޗު ކުޅޭނީ 36،000 މީހުންގެ ޖާގައިގެ ޑާކާގެ ބަންގަބަންދު ސްޓޭޑިއަމުގަ އެވެ. މިހާރު ކުރިއަށްދާ އެ ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތްތައް އެ ހިސާބަށް ނިމޭނެ އެވެ.
ބަންގްލަދޭޝް ރައްޔިތުންގެ ހިތުގައި އާޖެންޓީނާ އަށް ލޯބި ޖެހުނީ، އެ ގައުމުގައި ލައިވްކޮށް ޓީވީން ދެއްކި ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާ 1986 ގެ މުބާރާތުން ޑިއޭގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ ތަށި ހޯދުމުންނެވެ.
ބަންގްލަދޭޝް އިން ވޯލްޑް ކަޕުގައި ކުޅޭ ނަމަ އެ ގައުމުގެ ރައްޔިތުން އެ ޓީމަށް ދޭނެ ސަޕޯޓް، އާޖެންޓީނާ އަށް ދެ އެވެ. މެޗުތައް ބަލަން ބޮޑު ސްކްރީން ދޮށަށް މީހުން އެއްވެ އެވެ. އަދި ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅޭ އެހެން ގައުމުތަކުގައި ވެސް، މެޗު ބަލަން ޖަމާވެ އެވެ. އެގޮތުން ބަންގްލަދޭޝްގެ ގިނަ ބަޔަކު ދިރިއުޅޭ ރާއްޖޭގައި ވެސް ފޯރި ބޮޑެވެ.
އިންޑިއާ އާއި ޕާކިސްތާން ދެބައިވެ، އިރުމަތީ ޕާކިސްތާނުގެ ގޮތުގައި ކުރިން އޮތް ބަންގްލަދޭޝް 1971 ގައި މިނިވަންވި ހިސާބުން އެ ގައުމުގައި ފުޓްބޯޅައިގެ ފޯރި ވަރަށް ބޮޑަށް އާލާވި އެވެ. އެގޮތުން 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެންމެ ފޯރިގަދަ ފުޓްބޯޅަ ލީގު އޮތީ ބަންގްލަދޭޝްގަ އެވެ. އެކަމަކު މިހާރު އެ ގައުމުގެ ކްރިކެޓް ޓީމު ވަރުގަދަކަމުން، ފޯރި އޮތީ އެ ކުޅިވަރުގަ އެވެ. އެހެންވިޔަސް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ފޯރި ކުޑައެއް ނުވެ އެވެ.
ބަންގްލަދޭޝް ނަސްލުގެ މީހުން ދިރިއުޅޭ އިންޑިއާގެ ވެސްޓް ބެންގާލަކީ ކްރިކެޓަށް މަރުދޭ އެ ގައުމުގައި ވެސް ފުޓްބޯޅައިގައި އެންމެ ސަޕޯޓް ބޮޑު ސްޓޭޓެވެ.