ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން 3،000 މެމްބަރުން ހަމަނުވާ ލިސްޓުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަނެއްކާ ވެސް ހިމެނިއްޖެ އެވެ.

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލާނެ ކަމުގެ ނޯޓިސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިލެކްޝަން ކޮމިޝަނުން ދިންއިރު އޭގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެ އެވެ. އޭރު ނޯޓިސް ދިންއިރު އެ ޕާޓީގައި ތިބީ 2،300 މެމްބަރުންނެވެ.

އިލެކްޝަން ކޮމިޝަނުން އިއްޔެ އާންމުކުރި ލިސްޓުގައިވާ މިވަގުތު އެމްއާރުއެމްގައި ހިމެނެނީ 2،981 މެމްބަރުންނެވެ. މިއީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކަށް މެމްބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ އަދަދު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ލިސްޓުގައިވާ ގޮތުން 57،660 މެމްބަރުންނާ އެކު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތިބި ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމުގައި 38،704 މެމްބަރުން ތިބިއިރު ޖުމްހޫރީ ޕާޓީގައި 22،607 މެމްބަރުން އެބަ ތިއްބެވެ.

ތިން ހާސް މެމްބަރުން ހަމަނުވާ ލިސްޓުގައި އެމްއާރުއެމްގެ އިތުރުން ދެން ހިމެނެނީ ޑީއާރުޕީ އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އެވެ.

ކުރިން އެމްއާރުއެމުން ބުނެފައިވަނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު ދަށްވީ އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިއުމުން ކަމަށެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަބްދުލްއަލީމް ކުރިން ވިދާޅުވީ އެމްއާރުއެމްގެ ކައުންސިލު މެމްބަރުންނާއި އެކި ކޮމިޓީތަކުގެ މެމްބަރުން ވަގަށް ވެއްދީ މި ފަހުން އުދެއްދި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ. އެކަން ކުރީ އެ މެމްބަރުންނަށް ނޭނގި ކަމަށް އޭނާ ތުހުމަތުކުރިޔަސް އެމްއެންޕީން އެކަން ދޮގުކުރެ އެވެ.

ޕާޓީތަކަށް މީހުން ވަގަށް ވައްދާ ކަމުގެ ޝަކުވާ ބޮޑުވެ އީސީން ވަނީ ސައްހަ ނޫން ފޯމްތައް ހުށަހަޅާ ޕާޓީތައް ޖޫރިމަނާކުރަން ނިންމައި އެކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެމްއާރުއެމަކީ ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. އެންމެ ފުރަތަމަ ޑީއާރުޕީ އުފެއްދެވި ނަމަވެސް އޭރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވި އަހުމަދު ތަސްމީނު އަލީއާ އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު މައުމޫން ދެން އުފެއްދެވީ ޕީޕީއެމް އެވެ. އެކަމަކު އެ ޕާޓީ ދޫކޮށްލައްވަން އެމަނިކުފާނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.