އަލްމޭރިއާ (ފެބްރުއަރީ 27) - ސްޕެނިޝް ލީގުގައި ރޭ އަލްމޭރިއާ އަތުން 1-0 އިން ބަލިވި މެޗަކީ، މި ސީޒަނުގައި ބާސެލޯނާ ކުރިމަތިލި އެންމެ ގޯސް މެޗު ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ސިފަކޮށްފި އެވެ.
އަލްމޭރިއާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑު ބާސެލޯނާ ކޮޅަށް ވައްދާލީ، މާލީގެ ގައުމީ ޓީމުގެ ފޯވާޑް އަލް ބިލާލް ޓޯރޭ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 24 ވަނަ މިނެޓުގަ އެވެ.
މެޗުން ބާސެލޯނާ ބަލިވުމުން، ވާދަވެރި ރެއާލް މެޑްރިޑާ ދެމެދު 10 ޕޮއިންޓަށް ފަރަގު ބޮޑު ކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އެކަމަކު އަދި ވެސް ބާސެލޯނާ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.
އަލްމޭރިއާގެ ޕާވާ ހައުސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބާސެލޯނާ އަށް ހެދުނީ އެންމެ ޝޮޓެކެވެ. ބާސާގެ ކުޅުންތެރިންގެ މެޗަށް ކުރިމަތިލި ގޮތް ގޯސް ވުމުން ޒަވީ ހުރީ ހިތްހަމަނުޖެހިފަ އެވެ. އޭނާ ބުނީ މެޗުން މޮޅުވާން ބޭނުންވާ ކަމުގެ އެއް ވެސް ސިފައެއް ބާސެލޯނާގެ ކުޅުންތެރިންގެ ކިބައިން ނުފެނުނު ކަމަށެވެ.
"އަހަރެން ރުޅި އައިސްފައި މިހުރި ސަބަބަކީ މި މެޗަކީ މި ސީޒަނުގައި އަހަރެމެން ކުޅުނު އެންމެ ގޯސް މެޗުކަމަށް ވާތީ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި،" އޭނާގެ ހިތްހަމަނުޖެހުންތައް މީޑިއާގެ ކުރިމަތީގައި ބަންޑުންކޮށްލަމުން ޒަވީ ބުންޏެވެ.
"މެޗެއްގައި ހުންނަން ޖެހޭ ހަލުވި ގޭމެއް އަހަރެމެންގެ ކުޅުންތެރިން ނުދައްކާ. ރަނގަޅު ގޭމެއް ނުކުޅެވޭ. މެޗެއް ކާމިޔާބުކުރަން ބޭނުންވާ ފޯރިއެއް ކުޅުންތެރިންގެ ކިބައިން ނުފެނުނު." އެކަމަކު ދެ ވަނަ ހާފުގައި ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ކުރިކަން ޒަވީ ފާހަގަ ކުރި އެވެ.
ލީގުގައި ބާސެލޯނާ ދެން ނުކުންނާނީ ވެލެންސިއާ އާދެކޮޅަށެވެ. އެ މެޗުގައި ޓީމަށް އިރުޝާދު ދޭކަށް ޒަވީ އަށް ބެންޗުގައި ނުހުރެވޭނެ އެވެ. ރޭ އޭނާ އަށް ދެއްކި ރީދޫ ކާޑާ ގުޅިގެން ކާޑު ހަމަވުމުން އެއް މެޗުގެ ސަސްޕެންޝަނެއް ވަނީ އައިސްފަ އެވެ. އެކަމަކު އޭގެ ކުރިން، ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި ވާދަވެރި ރެއާލްއާ ދެކޮޅަށް ބާސެލޯނާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނެ އެވެ.