ހުޅުމާލެ 1 އަދި 2 ގުޅާލާފައިވާ ބްރިޖު ސަރަހައްދުގައި ހިންގާ އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓު ހެދުމަށް ހަ ކުންފުންޏަކާއެކު އެޗްޑީސީން މިއަދު ސޮއިކޮށްފި އެވެ.
އެ ކުންފުނިތަކުގެ އަމިއްލަ ކޮންސެޕްޓަށް އަދި އަމިއްލަ ހަރަދުގައި ހަދާނެ ކެފޭތައް ހޮވާފައިވަނީ ބީލަމުގެ އުސޫލުންނެވެ.
ކުރީގެ ބާބަކިއު ސަރަހައްދުގައި ކެފޭ އަދި ރެސްޓޯރެންޓް ހަދަން ހަވާލުކޮށްފައިވަނީ؛
- ބްރަދާސް ކޭޓަރިން
- ރެފްކޫލް
- ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް
- މިސްރަބު ޕްރައިވެޓް ލިމިޓެޑް
- ޑައިނެމޯ ރެސްޓޯރެންޓް
- ބޮލެވާޑުގައި ގާއިމްކުރާ އެންމެ ފުރަތަމަ ގްލޯބަލް ފްރެންޗައިސް އައުޓްލެޓު، ކެނީ ރޮޖާސް ރޯސްޓާސް ހިންގަން ޑްރީމްސް ޕްރައިވެޓް ލިމިޓެޑް
އެޗްޑީސީން ބުނީ އާބަސް ބޮލެވާޑް ނިމިގެންދާއިރު އެ ސަރަހައްދު ވާނީ ހުޅުމާލޭގެ ތަރައްގީ އަދި ބަދަހިވަންތަ މުޖުތަމައު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށް ކަމަށެވެ.
އެ ތަނުގައި އާންމުން މުނިފޫހިފިލުވައި ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެ ކަމަށް ވެސް ބުންޏެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ގާއިމް ކުރާނެ އެވެ.
ހުޅުމާލެ ބީޗްގައި ހިންގާ ކެފޭ ރެސްޓޯރަންޓުތައް ބަންދުކުރުމަށް ވެސް އެކަމުން ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ބުންޏެވެ.
އެ އައުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބިގެން ދާނެ އެވެ.
އެޗްޑީސީން ބުނީ އާބަން ބޮލެވާޑް ވާނީ މުޅި ހުޅުމާލޭގެ މަލަމަތި ބަދަލުކޮށްލަ ދޭނެ ފުރިހަމަ ރަމްޒަކަށް ކަމަށެވެ.