ގދ. ފަރެސްމާތޮޑާގެ މަލަމަތިން މިހާރު ފެންނާނެ އެންމެ ރީތި އިމާރާތަކީ "އޮޑިހަރުގެ" އެކެވެ. އެކަމަކު އެއީ ރާއްޖޭގައި ތަފާތު ކޮންސެޕްޓަކަށް ހެދި އެއާޕޯޓުގެ ޓާމިނަލް އެވެ.
އެތަން ޑިޒައިންކުރި ޕްލޭނިން މިނިސްޓްރީގެ އާކިޓެކްޓެއް ކަމަށްވާ ހަމްރައު އަހްމަދު، އެއާޕޯޓުގައި ހުރެ ވިދާޅުވީ، އޮޑިހަރުގެއެއް އަސްލަކަށް ބަލައިގެން އެއާޕޯޓު ތަރައްގީކުރީ ދިވެހިވަންތަ ގޮތަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.
ހަމްރައު ވިދާޅުވީ އިމާރާތްތައް ޑިޒައިން ކުުރުމުގައި ހޭދަކުރި 15 ވަރަކަށް އަހަރު، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދަތުރުކޮށް އެކި ތަންތަން ފެނިފައި ވާއިރު އޮޑިހަރުގެ އަކީ އެންމެ ކަމުދާ އިހުގެ ސްޓްރަކްޗާ ކަމަށެވެ.
ބޮޑު ބައެއް ބިއްލޫރިން ހެދި މި އެ އިމާރާތުގެ ފުރާޅުގައި ލާފައިވަނީ އާޓިފިޝަލް ފަނެވެ. އިމާރާތުގެ ވަށައިގެން ބިއްލޫރި ޖަހާފައިވާ އިރު އެ އިމާރާތުގެ އެތެރެއަށް ވަނުމުން ސިފަވަނީ "ގްރީން ހައުސް" އެއް ގޮތަށެވެ. ޗައިނާއިން މެޓީރިއަލް ގެނެސްގެން ހެދި އެ އިމާރާތުގެ 40 ޕަސެންޓު ހެދީ ބިއްލޫރި ބޭނުންކޮށްގެންނެވެ.
"އަޅުގަނޑުގެ ޑިޒައިންތަކުގައި އެންމެ ހާއްސަ ސިފައެއް ޓްރޭންގަލް ސްޓްރަކްޗާތަކަކީ. މީގެ ކުރީގައި ވެސް ވަރަށް ބޮޑަށް ޓްރޭންގަލް ޑިޒައިންތައް ހެދިފައި ހުންނާނެ،" ދެ ހަފްތާއިން ނިންމި ޑިޒައިނާ ބެހޭ ގޮތުން ހަމްރާއު ވިދާޅުވި އެވެ.
ތިން ބުރީގެ އިމާރާތެއްގެ އުސްމިނުގައި ހުރި ޓާމިނަލްގެ މެދަށްވާ ގޮތަށް ސީލިންގުގައި ބިއްލޫރި ޖަހައި އަދި އޯޕަންކޮށް، އުޑުމަތި ފެންނާނެ ބައެއް ވެސް ހުރެ އެވެ. ގުދުރަތީ އަލިކަން ވަންނަ ގޮތަށް އިމާރާތް ޑިޒައިންކުރީ، އޮޕަރޭޝަނަލް ހަރަދު ކުޑަކުރެވޭނެ ގޮތަކަށެވެ. އެ އެއާޕޯޓުގެ ޓާމިނަލް ލޮބީގައި އެއާކޮންޑިޝަން ހަރުކުރުމުގެ ބަދަލުގައި ހުންނަނީ ގުދުރަތީ ވައި ވަންނަ ގޮތަށެވެ. ބިއްލޫރިން ސީލިންގު ބައެއް ހެދުމުގެ ސަބަބުން ދުވާލު ގަޑީގައި ބޮކިތައް ދިއްލަންޖެހެނީ ވަރަށް މަދު ފަހަރަކު އެވެ.
ހަމްރާއުގެ ތަފާތު ޑިޒައިނަށް ސިފަ ގެނެސްދިނީ އެމްޓީސީސީގެ އާކިޓެކްޓަރުންނާއި ޑިޒައިން ޓީމުގެ ބުރަ މަސައްކަތުނެނެވެ. އެމްޓީސީސީގެ އެގްޒެކެޓިވް ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ހަސަން ވިދާޅުވީ، މިއީ އެކުންފުނިން ހިންގި އެންމެ ތަފާތު އެއް ޕްރޮޖެކްޓް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓްގެ ސްޓްކްޗާގައި ހުރި ތަފާތުތަކާ އެކު ވެސް އެއާޕޯޓު ހަދައި ނިންމުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިމާރާތައް ބޭނުންވާ ބިއްލޫރިތައް ގެނައުން ކަމަށެވެ.
"ޗައިނާ އިން ކޮންމެ ޕީސްއެއް ވަކި ވަކިން ގެނެސް ރާވާފައި އެ ހުރީ. އޭގެ ކޮންމެ ބިއްލޫރިގަނޑެއްގެ ބަރުދަނުގައި އުޅޭނެ ގާތްގަނޑަކަށް 80 ކިލޯ،" އޭނާ ވިދާޅުވި އެވެ.
ހަމްރާއު ވިދާޅުވީ، ބޭރުން ފެންނަ ރީތި މަންޒަރު ޑިޒައިން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ އެއާޕޯޓުގައި މަޑުކޮށްލައިގެން ތިބޭ ވަގުތަކީ އެންމެންނަށް ހިތްފަސޭހަ ވަގުތަކަށް ހަދަން ކަމަށެވެ. ގަސް ހައްދަން ހާއްސަ ސަރަހައްދެއް ހެދީ ވެސް މީހުންނަށް ހިތްހަމަޖެހުން ގެނެވޭނެ ގޮތެއް ހެދުމުގެ ވިސްނުމުގަ އެވެ.
"އޯޕަން އޭރިއާއެއް ހެދީ ވަރަށް ބޮޑަށް ބަލާފައި. ވާރޭ ވެހުނަސް، އާންމުންނަށް އުނދަގުލެއް ނުވާނެ،" ހަމްރާއު ވިދާޅުވި އެވެ.
ހަމްރާއު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އޭނާގެ ތަފާތު ޑިޒައިންތަކެއް ފެންނާނެ ކަމަށެވެ.
"ވަރަށް އުފާވޭ، ޑިޒައިނާ މެދު އެންމެން ހިތްހަމަޖެހި، ތައުރީފު ކުރާތީ. އާ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ވެސް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1،200 މީޓަރުގެ ރަންވޭއަކާ އެކު ހެދި މި އެއާޕޯޓަށް 145 މިލިއަން ރުފިޔާ ހޭދަކުރި އެވެ.