ހިއުމަން ޓްރެފިކިން މައްސަލައަކާ ގުޅިގެން އިންޑިއާގެ މީހަކު ހައްޔަރުކޮށްފި އެވެ.
މީހުން ޓްރެފިކްކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރީ ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ 20 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ.
ހެންވޭރުގެ ގެސްޓްހައުސްއެއްގައި ދިރިއުޅެމުން އައި އެ މީހާ އިއްޔެ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
އޭނާ ބަންދުކުރަން ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާއަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ފަރާތެއް ކަމަށް ބެލެވެ އެވެ.
އަމުރުގައި ބުނީ އެއީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމްވެގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭ ގޮތަށް ހިންގަމުންދާ ކުށެއް ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާ ކަމަށް ވެސް ބެލެވޭ ކަމަށެވެ.
އެކަމަކު އެ މައްސަލަގެ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.