ގދ. މަޑަވެލީގައި އަންހެނަކު މަގުމަތީގައި ދަމައި ކޫއްތި މައްސަލައިގައި ހައްޔަރުކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

އަލީ ނަމަކަށް ކިޔާ 33 އަހަރުގެ މީހާ އަނިޔާކުރީ މަޑަވެއްޔަށް ގޮސް އުޅުނު އެހެން ރަށެއްގެ އަންހެން ކުއްޖަކަށެވެ.

އެ އަނިޔާއާ ގުޅިގެން އަންހެންމީހާ އަށް ހެލްތު ސެންޓަރުގައި ފަރުވާދިނެވެ. ނަމަވެސް، ރައްކާތެރިކަން ކަށަވަރުކޮށް، އަންހެން މީހާ ވަނީ އެ ރަށުން ފޮނުވާލައިފަ އެވެ.

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ގެއަކުން ނެރެ ގިނަ ބައެއްގެ ތެރޭގައި އަންހެންމީހާގެ ގައިގައި ތަޅައި އަނިޔާކުރެ އެވެ. އޭގެ ފަހުން އެއް އަތުގައި ހިފައިގެން ގަދަކަމުން މަގުމަތީގައި ދަމައި ކޫއްތާފައި ގެންދާ މަންޒަރު ފެނެ އެވެ. އެގޮތަށް ގެންދިޔައިރު ވެސް ދޭތެރެެއަކުން އަންހެންމީހާގެ ގައިގައި ޖަހައި އަނިޔާކުރި އެވެ.

މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން އަންހެންމީހާ އެ ރަށަށް ދިޔައީ އަނިޔާކުރި ފިރިހެންމީހާއާ ކައިވެނިކުރުމަށް ކަމަށް ބައެއް މީހުންގެ ގާތުގައި ބުނެފައިވެ އެވެ. މަގުމަތީގައި ދަމައި ކޫއްތާފައި ގެންދިއުމުގެ ކުރިން ވެސް އަންހެންމީހާގެ ގައިގައި ތަޅައި އަނިޔާކުރާތީ ފިރިހެންމީހާގެ އާއިލާގެ ގެއަކަށް ގެންދިޔަ ކަމަށް ވެ އެވެ.