ރިސޯޓު ހަދަން މިދިޔަ ޖެނުއަރީ މަހު ހުޅުވާލި 13 ރަށުގެ ތެރެއިން ހއ. އަލިދުއްފަރު ފިނޮޅާއި ތ. އޮޅުފުއްޓަށް ފިޔަވައި އިތުރު ރަށަކަށް ބިޑް ހުށަނާޅާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އިތުރު އެހެން ރަށަކަށް ބިޑު ހުށަހަޅާފައި ނެތް ނަމަވެސް، ބިޑް ހުށަހެޅި ދެ ރަށަށް އަށް ބިޑެއް ހުށަހަޅާފައި އެބަ އޮތް ކަމަށް ޓޫރިޒަމުން ބުންޏެވެ. އެއީ އަލިދުއްފަރުފިނޮޅަށް ފަސް ފަރާތަކުން ހުށަހެޅި ބިޑާއި އޮޅުފުއްޓަށް ތިން ފަރާތުން ހުށަހެޅި ބިޑެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ބިޑް ކާމިޔާބުކުރި ފަރާތްތަކަށް އިކުއިޒިޝަން ކޮސްޓް ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ، ބިޑަށް އުންމީދު ކުރިވަރުގެ ތަރުހީބެއް ނުލިބުނީ، މުއްދަތު ކުރުވެފައި، ދުނިޔޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، ކ.ކާށިދޫ އާއި ފ. ނިލަންދޫގެ ފަޅުން 10 ހެކްޓަރުގެ ބިމެއް ދޫކުރި އަގު ބޮޑު ވުމަކީ ވެސް އެ ދެ ރަށަށް ބިޑް ހުށަނޭޅި ސަބަބަކަށް ވެދާނެ ކަމަށެވެ.
"އެކި ޕްލެޓްފޯމުތަކުގައި މި މައުލޫމާތު ދޭން މަސައްކަތް ކުރިން. އިންފޮމޭޝަން ސެޝަންތައް ވެސް ކުރިއަށް ގެންދިޔައިން. އެކަމަކު ވައިޑް އެކްސްޕޯޝާ ލިބޭ ވަރުގެ ހަރަކާތެއް ރަސްމީކޮށް ގެންދެވިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ އެ ދެ ރަށުގެ ފަޅުގެ ސަރަހައްދަށް އިކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި އެންމެ ދަށްވެގެން 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ދެ ހުރި އެއްވެސް ރަށެއްގައި ރިސޯޓު ހެދުމަށް ޝައުގުވެރިކަން ފާޅެއް ނުކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރ އަތޮޅު، ގއ އަދި ގދ. އަތޮޅުގެ ރަށްތަކެވެ.