27 މެއި 2023 - 00:03
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް މިރޭ ހަވާލުކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް "އުޖާލާ ޒަމާން" ސްލޯގަން އިފްތިތާހުކޮށް، ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގެ ކަންކަން ގޯހުންގޯހަށް ގޮސް، ގައުމު އޮޔާ ދިޔުމުގެ ބިރުހީވެ، އެކަމާ ކަންބޮޑުވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކަމަށެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީއަށް އެންމެ ބޮޑަށް އަމާޒުވާ އެއް ސުވާލަކީ ވެރިކަމަށް އައުމުގެ ގާބިލުކަން އެ ޕާޓީގައި އޮތްތޯ ކަމަށެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ރައީސް ނާޒިމްއާ ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވާހަކަ ދައްކަވަނީ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ ސުވާލަށް ނާޒިމް ރައްދު ދެއްވީ ވެސް ސުވާލުތަކަކުންނެވެ. އޭނާ އެއްސެވީ ރާއްޖެއަށް އާ ގާނޫނުއަސާސީއެއް ތައާރަފުކޮށް ޕާޓީތަކުގެ ވެރިކަމަށް މިވީ 15 އަހަރުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކުން ދިވެހިންނަށް ކުރިއެރުމެއް ލިބުނުތޯ އާއި ފަނޑިޔާރުގެ މިނިވަންކޮށް މުސާރަ އާއި އިނާއަތްތައް މަޖިލީހުން ފާސްކުރުމުން އަދުލު އިންސާފަށް ކަށަވަރުވިތޯ އެވެ.
ކިޔަވައިގެން ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބޭތޯ އާއި އަމިއްލަ ފުރާނަ އާއި މުދާ ރައްކާތެރިތޯ ވެސް ސުވާލު އުފެއްދެވި އެވެ. އެ ސުވާލުތަކުގެ ޖަވާބަކީ ނޫން ކަމުގައިވާ ނަމަ، އޭނާ ނުކުންނެވީ އެ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވުމަށް ކަމަށް ވިދާޅުވި އެވެ.
"މި ސުވާލުތަކުގެ ޖަވާބަކީ ނޫނެކޭ ކަމުގައިވާ ނަމަ، ކުލަތަކުގެ ވެރިކަން ދޫކޮށް، ގައުމީ ވިސްނުންތަކަށް ޖާގަދެއްވަންވެއްޖެ. ތަޢުލީމީ ވިސްނުންތަކަށާއި އިލްމީ ހައްލުތަކަށް ޖާގަ ދެއްވަން ވެއްޖެ. ދިވެހި ސިކުނޑިތަކަކުން ގެންނަ ދިވެހި ހައްލުތަކެއް ހޯދާން ނިކުންނަން ވެއްޖެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ގައުމާ މެދު އޭނާގެ ތަސައްވުރެއް އެބަ އޮތް ކަމަށާއި ދިވެހިންގެ ހުވަފެންތަކުގައި ކުލަ ޖެހެން ޖެހޭ ކަމަށެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއާ ހަވާލުކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނާޒިމް ވިދާޅުވީ ވަޒީފާ އާއި މުސާރައިގެ ކަސްތޮޅުން ސަލާމަތްކުރުމާއި ތައުލީމަކީ ކޮންމެ ކުއްޖެއްގެ ހައްގަކަށް ހަދައިދިނުމާއި ގައުމުގެ މުއްސަނދިކަމުގެ ފައިދާ އެންމެންނަށް އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމާއި ވަޒީފާގެ ސިނާއަތާއި އެހެން ކަންކަމުގައި ވެސް ދިވެހި ރައްޔިތުންނަކީ މި ގައުމުގައި އެންމެ ފުރަތަމަ ރައްޔިތުންކަމުގައި ހަދަންޖެހޭ ކަމަށެވެ.
ބޭސް ފަރުވާ އާއި ދިރިއުޅުމަށް ސަލާން ޖެހުމުގެ ސަގާފަތް ދޫކޮށް ދިވެހިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ރާއްޖެއިން ލިބޭނޭގޮތް ހަމަޖެހުމާއި ގެދޮރަކީ އުމުރު ހުސްވެ ދަރަނިވެރިވެގެން ނޫނީ ނުލިބޭ އެއްޗަކަށް އޮންނަ އޮތުން ބަދަލުކޮށް، ދިރިއުޅުން ފަށާއިރު، ލިބޭ ހައްގަކަށް ހަދައިދޭނެ ކަމަށް ނާޒިމް ވަައުދުވެ ވަޑައިގަތެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ރައީސް ނާޒިމްއާ ހަވާލުކުރުމަށް ބޭއްވި ޖަލްސާ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ ދިވެހިންގެ ޑިމޮކްރަސީގެ ދަތުރުގައި އެންމެ ގިނަ ލަކުނުތައް ލާފައި ވަނީ ސަލާމަތީ ބާރުތަކުގެ ސަފުތަކުގައި ނަމަވެސް މިއަދު ސިފައިންނާއި ފުލުހުންވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެކޮޅުވެރިކަމުގެ ހަމަނުޖެހުމުގެ ތެރޭގައި ތާށިކޮށްފައިވާ ކަމަށެވެ. ސަފުތަކުގެ ބަދަހިކަން ގެއްލި، މުއައްސަސާގެ ތެރޭގައި ރެނދުލާން ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެހެންވެ އެކަންކަމަށް ހައްލެއް ހޯދައިދީ "އުޖާލާ ޒަމާން" އަށް ދިވެހިން ގެންދިއުމުގެ ވައުދާ އެކު އެ މަސައްކަތް އެމްއެންޕީން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން އެމްއެންޕީގެ މެންބަރުން މާލެ އައިސް ބައިވެރިވެފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަބޯ ފާތުމަ
28 May 2023
ތި ސައުތޭ ނޫޅޭ ޕާރޓީ އެއް މިފަސް ގަނޑު ގައި ނެތެއްނު.. މާލޭ ލަވަ ޕާރޓީ އަދި ބައިސް ކޯފް ޕާރޓީ ގައި ވެސް އުޅުނުވިޔާ
ލޮލްްް
28 May 2023
ކުލަތަކުގެ ވެރިންނަށް ނޫނެކޭ ބުނާށޭ ކިޔާފައި އައިމީހާވެސް މިހުންނަނީ މުޅިގައިގަ ކުލަ އުނގުޅައިގެން.
ކުޑަ-ކަތީބު
28 May 2023
އުޖާލާ ޒަމާން ނާޒިމް 2023 އިންޝާ ﷲ
ރޯޒަސް
28 May 2023
ނުހޮވާ ކީއްކުރާނީ.. ނާޒިމްސޯގެ ފަންޑިންގ ކަނޑާލީމައި ޕާޓީ ޖެހޭނީ އުވާލަން ވިއްޔަ،
ކާނާތް ވާތް
28 May 2023
ޓިކެޓު ކާނާތުން ވާތަށް ދިނީ ދޯ. ސިޔާސީ ޕާޓީއަކީ އަމިއްލަ ވިޔަފާރި ކުންފުންޏެއްހެން ހިންގާތަނެއް.
ލައްކަ ވާހަކަ
27 May 2023
އެންމެނާ ވާހަކަ ދެއްކޭ މީހެއް ނޫން. ގައުމީ ވަންތަކަން ދައްކަން ނިކުތް މީހާ، ޖަލްސާ ނިންމާލީ ހުޅަނގުގެ ރެޕަކުން. ބޭރު މީހުން ވެއްދީމައޭ ވަދެވޭނީ ބުނާއިރު، ޗައިނާ ދިވެހިރާއްޖެ އައްވަލަށް ވަނީ ރައީސް ނަޝީދު ހުއްޓުވާފައޮތް މިލިޓަރީ އެއްބަސްވުމުގަ މީނާ ސޮއިކުރެވިގެން. އިންޑިއާ ރުޅިއަރުވާލި. މެލޭޝިއާ ދެކޮޅަށް ބޯޑަރކޮންޓްރޯލް އެމެރިކާ އަށް ދޫކޮށްލި. ދިވެހީން ހައްޔަރުކުރުމަށް ޕައިސީސް އެގްރިމެންޓްގައި ސޮއިކުރަނިކޮށް ފަޅާއެރި. ސިފައިންގެ ސިފްކޯ ...
ބޯގަޅި
28 May 2023
ގައުމީ ވަންތަ ކަމާއި ހުޅަނގުގެ ރެޕަކާއި ކޮން ގުޅުމެއް އޮތީ؟ ގައުމީ މީހުންނަށް ރެޕު ލަވައެއްގެ ލަފުޒެއް ނުވަތަ ތަންކޮޅެއް ނުކިޔޭނެތަ؟
ޗަގޯސް
27 May 2023
ބަތްކައްކާ ކުޅޭއިރު ހައްދާހެން ހައްދާފަ، އެއްޗެއް އަތަށްދީ، ފޮޓޯގަނޑެއް ނަގުވައިފަ.
އަންޑޭ
27 May 2023
ކެޕްޓަން އެމެރިކާ އަށް ހީވަނީ ވޯޓްލަނީ 10 އަހަރުން ދަށުގެ ކުދިންކަމަށްތޯ؟
އަޅުގަނޑުގެ ބަސް
27 May 2023
ދިވެހި ރައްޔިތުންގެ ބޮޑު މެޖޯރިޓީ ބޭނުމީ ހެސްކިޔާފަ ދޮގުހަދާ ގޮތެއްފޮތެއް ނެތް ނާގާބިލު އެމީހުންގެ ފޭނެއް! ނޫނިއްޔާ ފިސާރިއަކަށް މަކަރާ ޙީލަތާ އަނިޔާ އިސްކުރާ ބައިތުލްމާލުން އަންބޮނޑި ފުރާލާ ވެރިއެއް! އެނޫން މީހަކަށް ދިވެހިން ވޯޓު ނުދޭނީ އެކަންޏެއް ނޫން! ކުރިމަތިލާން ނުކެރޭވަރަށް ކުރާނީ ފުރައްސާރަ! ވަކިވަރަކަށް ކަމެއްގެ ތެރޭގައި އުޅެންހެހުނީމާ އެކަން ކަށީގައި ހިފާނެ. ފިރުޢައުނަށްފަހު ޔަހޫދީންނަށް ވެސް އެހެން.
ކޮވެލި
27 May 2023
އިންތިޚާބުވެފައި ހުރި ރައީސަކާ ދެކޮޅަށް ބަޣާވަތް ކުރި މީހެއް. ދުވަހަކުވެސް ވޯޓެއް ނުލިބޭނެ.
ކުޑަ-ކަތީބު
28 May 2023
ތިޔައީ ތިޔަ ބޭފުޅާގެ ޚިޔާލެވެ. ހަމަ މަރުހަބާ. ނަމަވެސް، ނާޒިމް ބަލައިގަންނަ އެތައް ހާސް ރައްޔިތުންނެއް އެބަ ތިބި.