ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އަމީނީ މަގުގެ އެންމެ ބާރުބޮޑު ސަރަހައްދު މިއަދު ބަންދުކޮށްފި އެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރާ އާރުޑީސީން ބުނީ ބިލަބޮންގް ސްކޫލުން ފެށިގެން ފިނޭންސް މިނިސްޓްރީ ހުންނަ ހިސާބަށް އެ މަގު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ހިސާބުގައި އަމީނީ މަގަށް ނުކުމެވޭ ގޮތަށް ހުންނަ ގޯޅިތައް ވެސް ބަންދުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެއީ އަމީނީ މަގުގައި އެންމެ ކާރުބާރު ބޮޑު ސަރަހައްދެވެ. ސްކޫލުތަކާއި ގިނަ އަދަދެއްގެ ސަރުކާރު އަދި އަމިއްލަ އޮފީސްތައް ވެސް އެ ސަރަހައްދުގައި ހިންގަ އެވެ. އެއީ ފިހާރަތަކާއި ކެފޭތައް ވެސް އެންމެ ގިނައިން އެ މަގުގައި ހިންގާ އެެއް ސަރަހައްދެވެ.
ސްޓެލްކޯގެ އިމާރާތާ ހިސާބުން ފެށިގެން އޮޑެގެއްލާ ކެފޭއާ ހަމައަށް އަމީނީ މަގުގައި ތާރު އަޅައި، މިދިޔަ ހަފުތާގައި ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.